މި ސަރުކާރުން ޝަރުޢީ ދާއިރާ އަށް އަތްބާނަށް ނޫޅޭ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމްދީދީ ރޭ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ މެންބަރުން ވަކިކޮށް، ބެންޗު ފަހަކަށް ކުޑަކުރުމަށް މަޖިލީހުން މިހާރު ވަނީ ބިލެއް ފާސްކޮށްފައެވެ. ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމްދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިބެންޖެހޭނީ 5 ފަނޑިޔާރުން ކަމަށާއި ޤާނޫނުއަސާސީގެ ރޫޙަކީ އެއީ ކަމަށެވެ. އެގޮތުން ރައީސް ޔާމިންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ 5 ފަނޑިޔާރުން ކަމަށް ދީދީ ވިދާޅުވިއެވެ. އެހެން ނަމަވެސް ނިމިދިޔަ ރައީސް ސާލިޙްގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ފަނޑިޔާރުން ވަކިކޮށް 7 ފަނޑިޔާރުންނަށް ބަދަލުކުރީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ކަަމަށް ދީދީ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ކުރިން ޤާނޫނުއަސާސީ ވުޖޫދަށް އައިއިރު އޮތްގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ޝަރުޢީ ދާއިރާއަށް އަތް ބާނަން ނޫން ކަމަށް ދީދީ ވިދާޅުވިއެވެ.

"މިހާރުގެ ސަރުކާރުން އަނެއްކާވެސް މިކުރެއްވި ކަމަކީ ކުރީގައި އޮތް އުސޫލަށް ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަދަދަށް ޤާނޫނުއަސާސީގައި އޮތް އަދަދަށް އޭރު ޤާނޫނު އަސާސީ ވުޖޫދަށް އައިއިރު އޮތީ 5 ފަނޑިޔާރުން އެ އަދަދަށް އަނެއްކާވެސް 5 ފަނޑިޔާރުންނަށް ބަދަލުކުރުމުގެ މަސައްކަތެއް މިދިޔައީ،" މެންބަރު ދީދީ ވިދާޅުވިއެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދަނިކޮށް އެފަދަ ބިލެއް ފާސްކުރުމުން އެއީ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެެވެ.

ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ފޯރުވާ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެެރިކަމާއި ހަވާލުވެވަޑައިގެން ވަގުތުން ފެށިގެން ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ. އޭގެ ފަހުން އެކި ރަސްމިއްޔާތުތަކުގައި އެމަނިކުފާނު ގެންދަވަނީ އެގޮތަށް ވާހަކަފުޅު ދައްކަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން