އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދެން އޮތީ އިހުތިޖާޖު ކޮށްގެންކަމަށް އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި ރަމަޟާން މަހު ވެސް އައްޑޫގެ އެކި ރަށްރަށުން ދަނީ ކަރަންޓް ކެނޑެމުންނެވެ. އެކަން ހައްލުކުރުމަށް އާ ޖަނަރޭޓަރެއް އައްޑުއަށް ގެންދަން ފެނަކައިން ނިންމާފައިވާކަން ވެސް މިއަދު ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، މޭޔަރު ނިޒާރު މިއަދު އެކްސްގައި ވިދާޅުވީ، ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި 31 ވަނަ މާއްދާއިން ހަޅުތާލު ކުރުމުގެ މިނިވަންކަން ލިބިދޭ ކަމަށެވެ. އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓްގެ އަސާސީ ހައްގުން މަހްރޫމުކޮށްފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައި ވާކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާގޮތަކަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.



އެހެންކަމުން އައްޑޫ ސީޓިގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ދެކޭކަމަށް ވެސް މޭޔަރު ނިޒާރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުވެސް ފެނަކައިން ވަނީ އައްޑޫއަށް 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް ގެންގޮސްފައެވެ. އަދި މި ޖެނެރޭޓަރ ސެޓު އިންސްޓޯލުކޮށް، އޭގެ ބޭނުން މިހާރު އެ ސިޓީގައި ދަނީ ކުރަމުންނެވެ. މި ޖެނެރޭޓަރު ގެންދިއުމަށްފަހު އޭރު ފެނަކައިން ބުނީ މީގެ ސަބަބުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް އެ ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ. މި ރަމަޟާން މަހުވެސް އެކި ގަޑިތަކުގައި އެ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާތީ، އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ދަނީ ގިނަ ތަކުލީފުތަކެއް ކުރިމަތިވަމުންނެވެ. އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދަނީ ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން