މި ސަރުކާރު ނިމިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ތަޅާފޮޅައި ނޭވާ ހޮޅިއަށް އެޅިގެން ކަމަށް މަޖިލީހުގެ ކުރީގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަރަށް ގިނަ ދުވަސް ތަކެއް ވަންދެއް ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އުޅުއްވުމަށްފަހު މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިލްހާމް މިހެން ވިދާޅުވީ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީ އިން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުކަން ގެއްލޭގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާހާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ޓީވީ ޕޮރުގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އިލްހާމް އަޙްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "އަތުލަފިކޮށްގެން" ސަރުކާރަށް ނުގެންގުޅެވޭނެ ކަަމަށެވެ.

އިލްހާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް މިހާރު އަންނަނީ އޯޑަރެއް ކަމަށާއި ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީން މަޖިލީހަށް ހުށައަޅާ ބިލްތަކާއި ގުޅޭގޮތުން ތްރީލައިން ވިޕް ނެރެނީ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި އެގޮތަށް އަބަދު މަޖިލީހުގެ މެމްބަރުން ނުގެންގުޅެވޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ކެރިގެން މަޖިލީހުގެ މެމްބަރުން ސަރުކާރާއި ދެކޮޅަށް ކުރިއަށް އޮތް އަށް މަސް ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިކުންނާނެ ކަަމަށާއި ސަރުކާރަށް އޮތް ސުޕަ މެޖޯރިޓީ ގެއްލިގެންދާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"މި ސަރުކާރު ވެސް ނިމިދާނީ މި މަޖިލިސް މެމްބަރުން ކަންތަކާއި ހިފައި ތަޅާފޮޅައި ނޭވާ ނުލެވި ގޮސް ނޭވާ ހޮޅިއަށް އެޅިގެން މި ސަރުކާރު ނިމިގެންދާނީ ވޯޓަކުން ބަދަލުވެގެން ދިޔަޔަސް ހަމައެއަކުން ސަލާމަތެއް ނެތް، ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާއި ހަމަޔަށް ދިޔަޔަސް ތެދެއް ނުވާނެއޭ ބުނާ އުސޫލުން މިހާރު މިއޮތީ މިސްޓޭކް ހެދިފައި،" ޕީޕީއެމްގެ ނާއިބް ރައީސް ކަންވެސް ކުރެއްވި އިލްހާމް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްހާމް ވިދާޅުވީ، މިހާރު އުވާލާފައިވާ ޕީޕީއެމްގެ ހަރުދަނާ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އެގޮތުން ބޮޑެތި ކަންކަން ނިންމާއިރު އެބޭފުޅުންނާއި މަޝްވަރާކޮށްގެން ކަންކަން ނިންމަންޖެހޭ ކަމަށް އިލްހާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީއެންސީގައި ރަނގަޅު ސަރުކާރެއް ހިންގޭވަރުގެ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުން ތިއްބެވީ ގޭގައި ތާސްކުޅެން ކަމަށް އިލްހާމް ވިދާޅުވިއެވެ.

"މޮޅެތި މީހުން ތިއްބައި ރިޓަޔަޑް މީހުންނާއި އެކިތަންތަނުން މީހުން ސިޔާސީ ހަރަކާތެއްގައި އެއްވެސް ތަނެއްގައި އުޅެފައި ތިބި ބައެއް ނޫން، ހަމައެކަނި ތައުލީމަކުން މިކަމެއް ނުވެއޭ، އައިސްގެން އަތަށް އޮޅިގެން އޮޅެމުން އޮޅެމުން އެދަނީ، ރަންކޮޅާއި މިނިމޭއިރު ކުޅަދާނައެއް ނޫން މި ރަނގަޅު ކޮށްލާކަށް،" އިލްހާމް ވިދާޅުވިއެވެ.

ޕާޓީތަކުން ވަކިކުރާ އަދި އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލަ އެއް ހުށައަޅާފައެވެ. އެ މައްސަލަ ބަލަން އެ ކޯޓުން ނިންމި ފަހުން، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ. ޕާޓީތަކުން ވަކިކުރާ އަދި އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ހުށައެޅި މައްސަލަ ބަލަމުން އައީ ސުޕްރީމް ކޯޓުގެ މުޅި ބެންޗުންނެވެ. އެހެން ނަމަވެސް އޭސީސީން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު އެމައްސަލަ ވަނީ ހުއްޓިފައެވެ. އޭގެތެރެއިން ފަނޑިޔާރު ހުސްނުއްސުޢޫދު މިހާރު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން