ޑރ. އަޒްމިރާލްދާ ޒާހިރު
ޑރ. އަޒްމިރާލްދާ ޒާހިރު
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ އެ ކޮމިޝަނަށް ފެންނަ ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ވަކި މަގުސަދެއް ހާސިލުކުރުމަށްކަމަށް އޭނާގެ ވަކީލް އިބްރާހީމް ޝަމީލް ވިދާޅުވެއްޖެއެވެ.

އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރި މައްސަލާގައި ކުރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ޖޭއެސްސީން އެ މައްސަލަ ބަލަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެ މައްސަލާގައި އަޒްމިރާލްދާ ނުފޫޒު ފޯރުވިކަމަށް ޖޭއެސްސީން ބުނަނީ ފިރިކަލުން ބަންދުކުރުމަށް ކުރިމިނަލް ކޯޓަށް ގެންދިޔުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މެދުވެރިކޮށް ކުރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީއަށް ގުޅުއްވިކަމަށް ބުނެއެވެ.

އަޒްމިރާލްދާގެ ފަރާތުން އޭނާގެ ވަކީލް ޝަމީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިސްމާއީލް ލަތީފްގެ ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުމުގައި ފުލުހުން ހުށަހެޅި ލިޔެކިއުންތަކަށް ބެއްލެވުމަށް ފަހު އޭނާ ބަންދުން ދޫކޮށްލަން ގާޒީ ނިންމެވީ އެ ދުވަހުގެ 10:38ގައި ކަމަށެވެ.

ނަމަވެސް، ކުރިމިނަލް ކޯޓުގެ ގާޒީއަށް، ފަނޑިޔާރު މަހާޒު ގުޅުއްވީ 11:30 ގައި ކަމަށާއި އެހެންކަމުން ކުރިމިނަލް ކޯޓުގެ ގާޒީއަށް ގުޅުއްވިއިރު އޭނާ ދޫކޮށްލާފައިވާކަން މަހާޒްއަށް އެނގިވަޑައިނުގަންނަވާތީ އެއީ ނުފޫޒު ފޯރުވުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ނުބެލޭނެކަމަށް ޝާމިލް ވިދާޅުވިއެވެ.

ޖޭއެސްސީން މި މައްސަލާގައި ބުނެފައިވަނީ، މަހާޒް ގުޅުއްވިއިރު ލަތީފް ދޫކޮށްލާފައިވާކަން އެނގިވަޑައިނުގެންނެވުން އެއީ ވެސް ނުފޫޒުފޯރުވަން މަސައްކަތް ކުރެއްވިކަމުގެ ހެއްކެއް ކަމަށެވެ. އަދި އެކަން ކުރެއްވީ އަޒްމިރާލްދާ ވިދާޅުވެގެންކަމަށް ޖޭއެސްސީން ތުހުމަތު ކުރެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީލް ވިދާޅުވީ، ޖޭއެސްސީން އަޒްމިރާލްދާ ވަކިކުރަން ނިންމާފައިވާ ނިންމުމުގައި އޮންނަނީ، ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރާ ގޮތަކީ އެކަން ނުހިނގުމަށް ވުރެ، އެކަން ހިނގާފައި އޮތް ގޮތް ކަމަށް ކޮމިޝަނަށް ބުރަވެވޭ ގޮތް ކަމަށް ވާތީ ކަމަށެވެ.

އަދި މައްސަލަ ނިންމީ އެ ކޮމިޝަނުން ދުރާލާ ގަސްދުކޮށްފައި އޮތް ގޮތަށްކަމަށާއި އެކަމާއި ގުޅޭ ހެކިތައްވަނީ އެއްފަރާތްކޮށްފައި ކަމަށް ވެސް ވަކީލް ޝަމީލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން