އައްޑޫ ފެނަކަ އިންޖީނުގެ
އައްޑޫ ފެނަކަ އިންޖީނުގެ
އައްޑޫ ފެނަކަ ބްރާންޗުން ޖެނުއަރީ 2020 އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިންގާފައިވާ މަޝްރޫއުތަކާއި، މަސައްކަތްތަކުގައި، ބިލުތަކަށް ދެފަހަރު ފައިސާ ދެއްކުމާއި، އިހުމާލާއި، ޚިޔާނާތަށް ތުހުމަތު ކުރެވޭ ގިނަ ކަންކަން ހިނގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ތައްޔާރު ކޮށްފައިވާ އައްޑޫ ފެނަކަ ބްރާންޗްގެ އޮޑިޓް ރިޕޯޓުގައި، އާއިލީ ވިޔަފާރިތަކަށް ފައިދާވާ ގޮތަށް މަސައްކަތް ކުރުމާއި، ކުންފުނީގެ އާމްދަނީ މުވައްޒަފެއްގެ އަމިއްލަ އެކައުންޓުގައި ބެހެއްޓުންފަދަ ގިނަ މައްސަލަތަކެއް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން އާމްދަނީގެ ގޮތުގައި މަރަދޫފޭދޫ ބްރާންޗަށް 2024 އޮގަސްޓް 25 އިން 2024 ސެޕްޓެމްބަރު 16 އަށް ލިބިފައިވާ 409،450 ރުފިޔާގެ ތެރެއިން ކުންފުނީގެ އެކައުންޓަށް ޖަމާވެފައި އޮތީ 92،410 ރުފިޔާއެވެ. ނަމަވެސް މިކަމުގައި ޝާމިލުވާ މުވައްޒަފަށް އެކަން އެންގުމުން، ކުންފުންޏަށް ޖަމާކޮށްފައިނުވާ 317،040 ރުފިޔާ މިދިޔަ ސެޕްޓެމްބަރު 29 ގައި ދައްކާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު ޕެޓީ ކޭޝްގެ ފައިސާ ޚަރަދު ކުރުމުގައި އިހުމާލުވުމުގެ މައްސަލަތަކެއްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އައްޑޫގައި ހިންގި މަޝްރޫޢުތަކަށް ޕެޓީ ކޭޝް ބޭނުންކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296 ރުފިޔާގެ ތަކެތި ގަނެފައިވާ ކަމަށާއި، ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

އަދި، ޕެޓީ ކޭޝް ބޭނުން ކޮށްގެން ކޮށްފައިވާ ޚަރަދުތައް ރަނގަޅަށް ބަލަހައްޓާފައި ނެތުމުން، ބައެއް ބިލްތަކަށް ދެ ފަހަރަށް ފައިސާ ދައްކާފައިވުމާއި، ޕެޓީ ކޭޝްއިން ޚަރަދުކޮށްފައިވާ ޖުމްލަ ފައިސާގެ ތެރެއިން، ސައްހަ ގޮތުގައި ޚަރަދުކޮށްފައިވަނީ ކިހާ ފައިސާއެއްކަން ކަށަވަރުނުވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެއިތުރުން، ކޯޓޭޝަން ހޯދުމަކާ ނުލައި އަދި ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީއާ ޚިލާފަށް ތިން ފަރާތަކުން ކޯޓޭޝަން ނުހޯދައި އަދި ކުންފުނީގެ އިސް މުވައްޒަފަކާ އާއިލީ ގުޅުން އޮތް ވިޔަފާރިއަކުން 1،516،182 ރުފިޔާގެ ތަކެތި ހޯދާފައިވުމާއި، އެ ތަކެތި ހޯދަން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުގައި ހުއްދަ ދިނުމަށް އެ މުވައްޒަފު ސޮއިކޮށްފައިވާކަން ވެސް ބަޔާންކޮށްފައިވެއެވެ.

ހަމަ އެހެންމެ، ފެނާއި ނަރުދަމާ އަދި ސެންޓްރަލް ޕަވަ ހައުސް ޕްރޮޖެކްޓަށް އިއުލާންކުރުމަކާ ނުލައި، ކޯޓޭޝަން ހޯދައިގެން ފަސް އެކްސްކަވޭޓަރާއި ހަތަރު ޕިކަޕު އަދި ބައުޒަރެއް އެއް މަހަށް ކުއްޔަށް ނެގުމަށްފަހު ގިނަ މަސްތަކެއް ވަންދެން އެ ތަކެތި ކުއްޔަށް ނެގި އެއްބަސްވުން ދަންމާލައި 15.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އެއީ 10 ވެހިކަލް ގަތުމަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ 4.3 މިލިއަން ރުފިޔާއަށް ވުރެ 11.6 މިލިއަން ރުފިޔާގެ އިތުރުވުމެއްކަންވެސް އޮޑިޓު ރިޕޯޓުގައި ވެއެވެ.

މިކަންކަމުގެ އިތުރުން، ހިތަދޫގައި ސެންޓްރަލް އިންޖީނުގެ އަޅަން އެހެން ރަށްރަށުން ގެންދިޔަ މުވައްޒަފުން ތިބުމަށް އެކި އަވަށްތަކުން ކުއްޔަށް ނެގި 10 ގެއަށް 1.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، އެކަމުގެ ފުރިހަމަ ރެކޯޑެއް ބަލަހައްޓާފައި ނުވުމާއި، މިމުވައްޒަފުންގެ ދަތުރު ފަތުރަށް 232،584 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން