ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ
ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ
ކޮރަޕްޝަންގެ ދައުވާ ސާބިތުވުމާ ގުޅިގެން 19 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ގެއަށް ބަދަލު ކޮށްފިއެވެ.

މި މައްސަލައިގައި ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ ގެއަށް ބަދަލު ކޮށްފައިމިވަނީ ޖަލަށްލުމަށް ޙުކުމް ކުރިތާ މަސް ދުވަސް ނުވަނީހެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިދިޔަ ހަފުތާ ބުދަ ދުވަހު ދީނާ ގޭބަންދަށް ބަދަލުކުރީ އޭނާގެ ޞިއްޙީ ހާލަތު ގޯސްވެ، ޖަލު މާޙައުލުގައި ފަރުވާ ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމުން ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ކަމަށެވެ.

ދީނާގެ މައްޗަށް ސާބިތުވެފައިވާ މިމައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައިގައި އުފުލި ދައުވާއެކެވެ. ދީނާގެ އެ އަމަލުގެ ސަބަބުން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން އާންމުކުރި މައުލޫމާތުގައި ވެއެވެ.

މި މައްސަލައިގައި ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

މި މައްސަލައިގެ އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ދައުލަތުން އެދިފައިވަނީ މި ކުށަށް ކަނޑައެޅިފައިވާ އަސާސީ މިންވަރުގެ އަދަބެއް ދިނުމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނަކީ ސީރިއަސް މައްސަލައެއް ނަމަވެސް، މި އަމަލުން ދީނާއަށް ސީދާ މާލީ މަންފާއެއް ލިބިފައިނުވާތީއާއި، އޭނާއަކީ ތުއްތު ކުދިން ބަލަމުން އަންނަ އެކަނިވެރި މައެއް ކަމަށްވާތީ އަދަބު ބޮޑުކުރުމަށް ދައުލަތުން އެދިފައެއް ނުވެއެވެ.

ދީނާގެ ވަކީލުން އެދުނީ ދީނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަދަބު ލުއިކޮށްދިނުމަށް ނުވަތަ ޖޫރިމަނާއެއް ނުވަތަ ގޭބަންދަކަށް ބަދަލުކޮށް ދިނުމަށެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ސީރިއަސް މައްސަލަތަކެއް ހުރުމުން ދީނާ ބަންދު ތަންތަނުގައި ނުބެހެއްޓުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ވަކީލުން ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބެއްލެވި ގާޟީ އާދަމް މުހައްމަދު ވަނީ ދީނާގެ އަދަބު ލުއިކޮށްދިނުމަށާއި ގޭބަންދަށް ބަދަލުކުރުމަށް ދެކޮޅު ހައްދަވާފައެވެ. ޤާޟީ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި، މުޖުތަމައުގެ މަސްލަހަތު ގެއްލޭތީ ޖަލު އަދަބެއް ދިނުން ލާޒިމުވާ ކަމަށެވެ. އަދި ޖަލު ހުކުމެއް ތަންފީޒު ނުކުރެވޭ ފަދަ ސިއްހީ ހާލަތެއް ދީނާއަށް ދިމާވެފައިވާ ކަމުގެ ރަސްމީ މެޑިކަލް ލިޔުމެއް ހުށަހަޅާފައި ނެތްކަން ޤާޟީ އެދުވަހު ފާހަގަ ކުރެއްވިއެވެ.

ފެނަކައިގެ މި ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ވެސް ކުށް ސާބިތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާވެސް މިހާރު ހުރީ ގޭބަންދުގައެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައި ވެސް ދައުލަތުން ވަނީ ދީނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ. އަދި 2018 ގެ ތެރޭގައި ފެނަކައިން ކުއްޔަށް ހިފި ދޯންޏެއް އޭނާގެ ގާތް މީހަކަށް ކުއްޔަށް ދިން މައްސަލަވެސް އޭސީސީން ޕީޖީއަށް ހުށައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު