އޭސީސީގެ ރައީސް އާދަމް ޝާމިލް (މ)
އޭސީސީގެ ރައީސް އާދަމް ޝާމިލް (މ)
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައިވާ އަދަދުން، މުވައްޒަފުންގެ މުސާރައާއި އިދާރީ ޚަރަދުތައް ކެނޑުމަށްފަހު، ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި އަދަދަކީ ކޮމިޝަނަށް ލިބޭ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 2 އިންސައްތައެވެ.

މި ކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ފަރާތުން ވާހަކަދައްކަވަމުން އޭސީސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާއެވެ. މި ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކަށް ވަނީ ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހުށަހެޅުމަށް ފުރުސަތު ދީފައެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާ ވިދާޅުވީ، ކޮމިޝަނުގެ ބޭސްލައިން ބަޖެޓުގެ ގޮތުގައި އެދިފައިވާނީ 53.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އޭސީސީއަށް ކަނޑައަޅާފައިވަނީ 47.5 މިލިއަން ރުފިޔާއެވެ. އެއީ އެދުނު އަދަދަށްވުރެ 6.4 މިލިއަން ރުފިޔާގެ މަދު އަދަދެކެވެ.

"މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި ޔުޓިލިޓީސް އަދި އެހެނިހެން ޚިދުމަތްތަކުގެ ޚަރަދުތައް ކެނޑުމަށްފަހު، ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ހަރަކާތްތައް ހިންގުމަށް ބާކީވަނީ އެންމެ 1.2 މިލިއަން ރުފިޔާ." ނިލްފާ ވިދާޅުވިއެވެ.

ނިލްފާ ވިދާޅުވީ، ހަރަކާތްތަކަށް ބާކީވާ ފައިސާގެ ތެރެއިން ތަހުގީގު ދަތުރުތަކަށް 200،000 ރުފިޔާ، ހޭލުންތެރިކުރުމުގެ ހަރަކާތްތަކަށް 100،000 ރުފިޔާ، އަދި ކޮރަޕްޝަން ހުއްޓުވުމުގެ ޕްރޮގްރާމްތަކަށް 100،000 ރުފިޔާ ވަނީ ކަނޑައަޅާފައި ކަމަށެވެ. މީގެއިތުރުން މުވައްޒަފުންގެ ތަމްރީނުތަކަށް 391،000 ރުފިޔާ އަދި ބައިނަލްއަގުވާމީ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމަށް 371،000 ރުފިޔާ ވަނީ ބަހާލައިފައެވެ. އެހެންކަމުން އޭނާ ވަނި ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިތުރު ބަޖެޓު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، އޮފީސް ހިންގާނެ އެކަށީގެންވާ ޖާގަ ނެތުމުގެ ދަތިކަން ވެސް އޭސީސީން ފާހަގަކުރިއެވެ. މިހާރު ކޮމިޝަން ހިންގަމުންދަނީ އަމިއްލަ މީހެއްގެ އެޕާޓްމަންޓް އިމާރާތެއްގައި ކަމަށްވުމުން، އެކަށޭނަ ޖާގައެއް ހޯދުމަށް ފައިސާ ބޭނުންވާކަމަށް ނިލްފާ ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިނިވަން މުއައްސަސާތަކުން އަންނަނީ އެ ފަރާތްތަކުގެ ގާނޫނީ ޒިންމާތައް އަދާކުރެވޭ މިންވަރަށް ބަޖެޓު ހަމަޖައްސައިދިނުމަށް އެދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު