ފޮޓޯ: އޭސީސީ
ފޮޓޯ: އޭސީސީ
ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީ ގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ.

އޭސީސީން ބުނީ، ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ޚާއްޞަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުން ކަމަށެވެ. އަދި މި ހުސްކަން ފުރައިލުމަކީ ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، "ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން. އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް،" ކަމަށެވެ.

އެމްކިއުއޭ އިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ ތަޙުޤީޤީ ދާއިރާގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަޙުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.

މީގެ އިތުރުން، ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި ބިނާކުރެވޭނެއެވެ. އަދި ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަޙުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަން އަށަގަންނުވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަން އިތުރު ކުރުމުގެ މަޤްޞަދުގައި އެމްނާކާއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތްތައް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ އޭސީސީގެ ތަޙުޤީޤީ ޓީމުތަކާއި މުވައްޒަފުންގެ ފަންނީ ހުނަރު ހަރުދަނާކުރުމަށް ކޮރަޕްޝަން ތަޙުޤީޤުކުރުމުގެ ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތަކާއި، ޤާނޫނީ އަދި އިޖުރާއީ ހޭލުންތެރިކަމުގެ ތަމްރީނު ދިނުމާއި، ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ކޮރަޕްޝަންގެ ހިރާސްތައް ދެނެގަންނާނެ ގޮތާއި، އެފަދަ ކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ހުނަރާއި ވަޞީލަތްތައް ފޯރުކޮށްދިނުމާއި، މުޅި ރާއްޖެއަށް ބޭނުންވާ ޕްރޮފެޝަނަލް އިންވެސްޓިގޭޓަރުން އުފެއްދުމަށް އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ޕްރޮގްރާމް ރޯލްއައުޓް ކުރުމެވެ.

އެމްނާކާއިން ފަށާ މި ކޯހުގެ ސަބަބުން ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް އައިސް، ދާއިރާއަށް ބޭނުންވާ ޤާބިލު އިންސާނީ ވަސީލަތް ތަރައްޤީވެގެންދާނެ ކަމަށް އޭސީސީން ލަފާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު