ހޯމް މިނިސްޓަރު އަލީ އިހުސާން އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ
ހޯމް މިނިސްޓަރު އަލީ އިހުސާން އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ
ކުޑަ އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރާއްޖެއިން ރެސިޑެންޓް ވިސާ ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދޮގުކުރައްވައިފިއެވެ.

ރާއްޖޭގައި އެތައް މިލިއަން ޑޮލަރެއްގެ ބޮޑެތި މަޝްރޫޢުތައް ހިންގާ ފަރާތްތަކަށް މިހާރުވެސް އިންވެސްޓަރ ވިސާ ދޫކުރަމުންދާއިރު، އެންމެ ލައްކައެއްހާ ރުފިޔާގެ އިންވެސްޓްމަންޓަކަށް ވެސް ރެސިޑެންޓް ވިސާ ދިނުމަށް އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެންނަން އުޅޭކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

މިކަމާ ގުޅިގެން ވަޒީރު އިޙްސާން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަންގެ ޤާނޫނަށް އެފަދަ އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން އެއްވެސް އިރެއްގައި ގެންގުޅެފައި ނުވާނެ ކަމަށެވެ. އަދި އިމިގްރޭޝަނަކީ ރައްޔިތުންނާ ގުޅުންހުރި ނާޒުކު މަސައްކަތްތަކެއް ކުރާ އިދާރާއަކަށް ވުމުން، އެ އިދާރާއާ ގުޅުވައިގެން މިފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވަނީ 50 ޞަފްޙާގެ މައްޗަށް އެކުލެވޭ އިމިގްރޭޝަންގެ މުޅިން އައު ބިލެކެވެ. އަދި އެ ބިލުގައި މިހާރު ދެކެވޭ ފަދަ ރެސިޑެންޓް ވިސާއާ ގުޅޭ އެއްވެސް ވާހަކައެއް ނުހިމެނޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކުގައި ބުނެފައިވަނީ، ރާއްޖެއިން 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް ހަމަޖައްސަން އުޅޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު