ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ
ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ
މިދިޔަ އާދިއްތަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ސަސްޕެންޑް ކުރުމާ ގުޅުމެއް ނެތް ކަމަށް ބްރޯޑްކޮމްއިން ބުނެފި އެވެ.

ބްރޯޑްކޮމްގެ ނިންމުންތަކަށް އިހުތިރާމް ނުކުރާ ކަމަށް ތުހުމަތުކޮށް ޖަވާބު ދާރީވުމަށް ފުރުސަތު ދީ ޒީނިޔާ މިއަދުން ފެށިގެން ތިން ދުވަހަށް ސަސްޕެންޑްކުރުމުން ބްރޯޑްކޮމްގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި މިއަދު ވަނީ ގެއަށްވެސް ގޮސްފަ އެވެ.

ނަމަވެސް ބްރޯޑްކޮމްގެ މެމްބަރެއް ރަސްއަށް މިއަދު ވިދާޅުވީ ޒީނިޔާ ސަސްޕެންޑްކުރުމާއި ޕެޓިޝަނާ ގުޅުމެއް ނެތް ކަމަށާއި ޒީނިޔާގެ މައްސަލައަކީ ޕެޓިޝަން ހުށަހެޅުމުގެ ކުރިން ނިންމާފައި އޮތް ނިންމުމެއް ކަމަށެވެ.

ނަމަވެސް ޕެޓިޝަނާ ގުޅޭ ގޮތުން ބްރޯޑްކޮމްގެ މެމްބަރު ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ.

ބްރޯޑްކޮމްގެ 15 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ބްރޯޑްކޮމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތައްކޮށްފައި ވެއެވެ.

އެގޮތުން މުވައްޒަފުން ލައްވާ އެހެން މުވައްޒަފުންނަށް ފާރަލާ ކަމަށާއި އަދި ޒާތީވެ މުވައްޒަފުންނާ ޖައްސާލައި ނަފްސާނީ ގޮތުން ގޯނާ ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި މުވައްޒަފުން ލައްވައި ގޭގައި މަސައްކަތްކޮށް އިތުރު ގަޑީގެ އިނާޔަތްތައް ނުދޭކަން ވެސް ޕެޓިޝަންގައި ބުނެފައި ވެއެވެ.

އޭގެ އިތުރަށް ގަވައިދުތަކާ ހިލާފަށް އަމަލުކުރަން މަޖުބޫރުކުރާކަން ފާހަގަކޮށް އެ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ޕެޓިޝަންގައި އެދިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން