އެޓާރނީ ޖެނެރަލް އަޙްމަދު އުޝާމް
އެޓާރނީ ޖެނެރަލް އަޙްމަދު އުޝާމް
ގޭންގު ކުއްތައް ހުއްޓުވުމުގެ ބިލު ތަންފީޒު ކުރަން ބޭނުންވަނީ އެކަމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން ކަމަށް އެޓާރނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

‎ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.

މި ބިލު ތަސްދީގުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޖީ އުޝާމް ވިދާޅުވީ މި ބިލަކީ ސަރުކާރަށް އެއްވެސް މަޖުބޫރުކަމެއް އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް ނޫންކަމަށެވެ. އަދި މި ބިލަކީ ގޭންގު ކުއްތަކަށް ހައްލެއް ގެންނަން ރައީސް ބޭނުންފުޅުވާތީވެ، ރައީސްގެ އިސްނެންގެވުމުގެ ދަށުން މަޖިލީހަށް ފޮނުވި ބިލެއް ކަަމަށް އުޝާމް ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ 2010 ވަނަ އަހަރުން ފެށިގެން ވެސް ގޭންގު ކުއްތަކާ ގުޅޭ ގާނޫނެއް ހެދިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ގާނޫނުގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވިފައި ނުވާ ކަމަށް އޭޖީ ފާހަގަ ކުރެއްވިއެވެ.

އެ ގާނޫނުގައި އުނި ކަންތައްތަކެއް ހުރުމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށްވެސް، އަދި ދައުވާ ކުރުމަށްވެސް ދަތިތަކެއް ދިމާވި ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެކުލަވާލި ބިލަކީ އެ ދަތިތަކަށް ހައްލެއް ގެނައުމަށްޓަކައި އެކުލަވާލި ބިލެއް ކަމަށްވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މި ބިލް މިހާ މުހިންމުކަމެއް ދީގެން އެކުލަވާލާފައިވަނީ ގޭންގު ކުށްތަކަކީ ގައުމީ މައްސަލައެއް ކަމަށް ދެކިގެން، އެ މައްސަލައަށް ހައްލެއް ގެންނަން ބޭނުންވާތީ ކަމަށެވެ.

މީގެ އިތުރުން އޭޖީ ވިދާޅުވީ މި ބިލް ފަރުމާކުރެވިފައިވަނީ މި މައްސަލައިގައި ހައްލު ގެންނަން ބޭނުންވާ ހުރިހާ ދާއިރާތަކަށް ފޯކަސް ކޮށްގެން އެ ހުރިހާ ދާއިރާތަކެއް ހިމެނޭހެން ކަމަށެވެ. އެހެންކަމުން ގޭންގު މައްސަލައަށް ވަރަށް ބޮޑު ހައްލެއް މި ގާނޫނުގެ ސަބަބުން ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭޖީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން