ހޮޅުދޫ ބޯޓުން ގެއްލުނު މުޝްފިގު
ހޮޅުދޫ ބޯޓުން ގެއްލުނު މުޝްފިގު
މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިގު ޝަރީފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް ކުރަމުންދާތީ ލ. މާވަށު ކޯޓުން އޭނާގެ މަރު ސާބިތުކޮށެއް ނުދިނެވެ.

މުޝްފިގު ގެއްލިގެން ހޯދަން ފެށިތާ ނުވަ ދުވަސް ފަހުން އޭނާ މަރުވި ކަމަށް ނިންމައި، އޭނާގެ މައްޗަށް މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށު ނަމާދު ކުރުމަށް މާވަށު ކައުންސިލުން ނިންމިއެވެ.

އެހެންނަމަވެސް އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އޭރު ވިދާޅުވީ، ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ.

އެހެންވެ، އެދުވަހު ބާއްވަން އޮތް ކަށުނަމާދު ވަނީ ކެންސަލް ކޮށްފައެވެ. އަދި މުޝްފިގުގެ ބައްޕަ މުހައްމަދު ޝަރީފު ވަނީ އޭނާގެ މަރު ސާބިތު ކުރުމަށް މާވަށު ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މައްސަލަ ހުށަހެޅިތާ މަހަކަށްވުރެ ގިނަ ދުވަސްފަހުން މާވަށު ކޯޓުން ކުރި ހުކުމުގައި ބުނީ, މުޝްފިގު ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ.

އަދި އެހެންވެ، އެ މައްސަލަ އެ ކޯޓުގައި މި ވަގުތު ކުރިއަށް ގެންދިޔުމަކީ އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތްކަމަށް ނުފެންނާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް ކަނޑައަޅައި އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން