އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ވިލިމާލޭ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސިއްޙީ ވުޒާރާއިން މިއަދު ބުނީ، ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

ވިލިމާލޭ 112 އެނދުގެ ހޮސްޕިޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރަށްވަން ނިންމެވި ހޮސްޕިޓަލެކެވެ.

އެގޮތުން ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް، ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް، ޞިއްޙީ ވުޒާރާއާއި އައިޖީއެމްއެޗްއާ ގުޅިގެންވަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކޮށްފައެވެ.

ސިއްޙީ ވުޒާރާއިން ބުނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިމުމާ ގުޅިގެން މިއަދު ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި އެއްބަސްވުމާއެކު ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އަންނަ އަހަރު ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ވިލިމާލޭ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން ހެދުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޔޮންގް ޝިންހުއާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން