ނުވަ މަހުގެ ތުއްތު ކުއްޖާ
ނުވަ މަހުގެ ތުއްތު ކުއްޖާ
ހާލުގައި ޖެހިފައިވާ ޣައްޒާގެ ޚާންޔޫނިސްގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދިޔަ އުމުރުން އެންމެ 9 މަހުގެ ތުއްތު ކުއްޖަކު، ފިނިގަދަވުމުގެ ސަބަބުން ނިޔާވެއްޖެއެވެ.

ސަބާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ކެނާން އަޙްމަދު އަރްޤީޤް ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ކުއްޖާގެ ބައްޕަ މައުލޫމާތު ދިން ގޮތުގައި، ކޭމްޕު ތެރޭގައި ހޫނުކަން ދަމަހައްޓާނެ އެއްވެސް ވަސީލަތެއް ނެތުމާއެކު ފިނިބޮޑުވެގެން ގޮސް، ފަތިހު ހޭލިއިރު ތުއްތު ކެނާން އޮތީ ހަރަކާތް ހުއްޓި، ނިޔާވެފައެވެ. ކުއްޖާގެ މޫނުމަތި ނޫއިލިވެފައި އޮތުމުން، ވަގުތުން ނާޞިރު މެޑިކަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާ ވަނީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފިނި މޫސުމުގެ ގަދަފަދަ ފިންޏާ ކުރިމަތިލާން ޖެހިފައިވާއިރު، އެކަށީގެންވާ ބޯހިޔާވަހިކަމާއި ހޫނުކުރާނެ ވަސީލަތްތައް ނެތުމުގެ ސަބަބުން ޣައްޒާގައި ތުއްތު ކުދިން ނިޔާވުމަކީ މިހާރު ތަކުރާރުވަމުން އަންނަ ހިތްދަތި ކަމެކެވެ.

މިފަދަ ހާދިސާތަކުން ދައްކުވައިދެނީ، އަނިޔާވެރި އިސްރާއީލުގެ ހަމަލާތަކާއި ހިސޯރުކުރުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިންސާނީ ކާރިސާގެ ނުރައްކާތެރި މިންވަރެވެ.



ކިޔުންތެރިންގެ ހިޔާލު