ސަރުކާރުގެ ހުރިހާ ދިމާލަކުން ފެންނަނީ ގާބިލުކަން ނެތް ބަޔަކު ދަސްކުރާ މަންޒަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ސަރުކާރަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ކަންކަމުގެ ވައްޓަފާޅިއެއް ނެތް، އަދި ކަންކަން ރާވައި ހިންގުމުގެ ޤާބިލުކަމެއް ނެތް ބަޔަކު 'ދަސްކުރާ' ބޯޑު އަޅުވައިގެން އުޅޭ މަންޒަރު ކަމަށެވެ.

ޝާހިދު އިތުރަށް ،ފާހަގަކުރެއްވިގޮތުގައި، މި ހާލަތުގައި ސަރުކާރުން މިސްރާބު ސީދާ ނުކުރެވިއްޖެނަމަ، އޭގެ އެންމެ ބޮޑު ގެއްލުން ކުރިމަތިވާނީ އާންމު ރައްޔިތުންނަށާއި އެ ރައްޔިތުންގެ ވިޔަފާރިތަކަށެވެ. މީގެ އިތުރުން، ޝާހިދު ވަނީ ކަރަންޓާއި ދިރިއުޅުމުގެ އެހެނިހެން ޒަރޫރީ ޚިދުމަތްތައް މިހާރު ހުރީ "އިރު އިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ ސިފައިގައި" ކަމަށް ވިދާޅުވެފައެވެ.

ޝާހިދު ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ މިދިޔަ އާދިއްތަ ދުވަހު މާލެ ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން ޢާންމު ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޚާއްޞަކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ވެސް 2 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މެދުކެނޑިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެމްޑީޕީގެ ރައީސްގެ މި ފާޑުކިޔުންތަކާ ގުޅޭގޮތުން އަދި ސަރުކާރުން އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން