ޤައުމީ ފުޓުބޯޅަ ޓީމު އެކުލަވާލީ އެންމެ އިންސާފުވެރިކޮށް ނޫންކަމަށާއި އެކަމާއި ދެކޮޅަށް ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން އަޑުއުފުލަންޖެހޭ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ރޭ ވިދާޅުވެއްޖެއެވެ.

މުބީން މިހެން ވިދާޅުވީ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު އެކުލަވާލެވުނު ގޮތާމެދު ހިތްހަމަނުޖެހި، އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، އެފް.އޭ.އެމް ލީގު ކަޕްގައި ބައިވެރިވާ ކުލަބްތަކުގެ ކުޅުންތެރިން ޤައުމީ ޓީމަށް ނެގުމުގައި އިސްކަންދޭނެ ކަމަށް ކުލަބް ތަކަށް ފޮނުވި ސިޓީގައި އަންގާފައިވާ ކަމަށެވެ. މުބީން ފާހަގަކުރެއްވި ގޮތުގައި އެންމެ ފަހުން ބޭއްވި އެފް.އޭ.އެމް ލީގު ކަޕްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ގްރޫޕް ސްޓޭޖް ނިމުނުއިރު ދެވަނައަށް ދިޔަ ޓީމެވެ. އަދި މުޅި މުބާރާތުގައި ތިންވަނަ ހޯދި ޓީމެވެ. ނަމަވެސް، އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކު ޤައުމީ ޓީމަށް ހޮވިފައި ނުވާ ސަބަބާއި މެދު މުބީން ސުވާލު އުފެެއްދެވިއެވެ.

"މިއީ ހަމަ އެންމެ އިންސާފުވެރި ގޮތްތޯ؟ އެފް.އޭ.އެމް ލީގު ކަޕް ބާއްވަން ކުލަބުތަކަށް ފޮނުވި ސިޓީގައި ސާފުކޮށް ބުނެފައިވޭ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް ޤައުމީ ޓީމަށް ނެގުމުގައި އިސްކަން ދެވޭނެ ވާހަކަ. އެކަމަކު ޤައުމީ ޓީމު އެކުލަވާލި އިރު ފެނުނީ މުޅިން އެހެން މަންޒަރެއް،" ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު އެކުލަވާލެވުނު ގޮތާއި މެދު ކަންބޮޑުވުން ހިއްސާކުރަށްވަމުން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުބީން ވިދާޅުވިއެވެ.

މީގެ އިތުރުން، މުބީން ވަނީ އެފް.އޭ.އެމް ލީގު ކަޕް މުބާރާތުގައި ބައިވެރިނުވި ޓީމުތަކުން ކުޅުންތެރިން ޤައުމީ ޓީމަށް ހޮވިފައިވާކަންވެސް ފާހަގަކުރަށްވާފައެެވެ. މިކަމާ ގުޅިގެން ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ސަޕޯޓަރުން ސުވާލު ނުއުފައްދާތީ ހައިރާންވާ ކަމަށް މުބީން ވިދާޅުވިއެވެެ.

"އަޅުގަނޑުމެން ބޭނުންވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޤައުމީ ޓީމު އެކުލަވާލެވި، އެންމެ ޤާބިލު ކުޅުންތެރިންނަށް ފުރުސަތު ލިބި، ދިވެހި ފުޓްބޯޅަ އިތުރަށް ކުރިއަރައި ދިއުން. އެހެންވީމާ، މިކަމާމެދު އަޅުގަނޑުމެން އެންމެން އަޑުއުފުލަން ޖެހޭ،" މުބީން ވިދާޅުވިއެވެ.

ދިވެހި ޤައުމީ ޓީމުގައި އަލަށް ހިމަނައިފައިވާ ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒާއި އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމާއި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ. ގައުމީ ސްކޮޑަަށް ކުޅުންތެރިން ނެގުމުގައި ނިމިދިޔަ އެފްއޭއެމް ލީގު ކަޕުގައި ދެއްކި ކުޅުމަށް ބަލާފައިވާ ކަމަށް އެފްއޭއެމުން މީގެ ކުރިން ބުނެފައިވެއެވެ. އައިހަމާއި އީނާޒާއި ހައިސަމަކީ އެފްއޭއެމް ލީގު ކަޕްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންތަކެއް ކަން ފާހަގަކުރެވެއެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން