ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިން އަރާފަތު ބިމަށް ގޮސްފައިވާ ކަމަށް ދިވެހި ހައްޖު މިޝަނުން މިއަދު ބުނެފިއެވެެ.

ހައްޖު މިޝަނުން ބުނީ ދިވެހި ހައްޖުވެރިން މިނާއިން އަރަފާތަށް ދިއުމަށް ދަތުރު ފެށީ ސައުދީ ގަޑިން ރޭ 9:30 ގައިކަމަށެވެ. އަދި މިއަދު ހެނދުނު ދިވެހި ހުރިހާ ހައްޖުވެރިން އަރާފަތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން ބުންޏެވެެ.

މިއަދަކީ އަރަފާތް ދުވަސްކަމަށާއި މޫސުން ލަފާކުރާ ގޮތުގައި މިއަދު ވަރަށް ހޫނު ގަދަވާނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ. އެހެންކަމުން ސައުދީ ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ހައްޖު މިޝަނުން ވަނީ އެދިފައެވެ.

"ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހައްޖާޖީން މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށް އެ ބަޔަކަށް ހާއްސަކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި." ހައްޖު މިޝަނުން ކުރި ޕޯސްޓުގައި ބުނެފައިވެެެއެވެެ.

އަރާފާތު ބިމަށް ދިޔުމަކީ ހައްޖުގެ އެންމެ މުހިންމު އެެއް ރުކުނެވެ. ހައްޖު ދުވަހުގެ އިރުއޮއްސުމުގެ ކުރިން އަރަފާތު ބިމަށް ނުދެވިއްޖެނަމަ އެމީހަކަށް ހައްޖެއް ނުލިބޭނެއެެވެ.

އަރަފާތު ދުވަހަކީ ޙައްޖުވެރިންގެ ދަތުރުގެ އެންމެ މުހިންމު ދުވަހެވެ. މި ދުވަހު ޙައްޖުވެރިން އަރަފާތު ބިމުގައި މަޑުކޮށް، މެންދުރު ނަމާދަށްފަހު އިރުއޮއްސެންދެން ދުޢާކުރުމުގައި ވަގުތު ހޭދަކުރެއެވެ. މިއަދު އަރާފާތު ބިމުގައި ހައްޖު ޚުތުބާ އިއްވާނެއެވެ. މާދަމާ އިރުއޮއްސުމާއެކު، ހައްޖުވެރިން އަރަފާތުން ފުރައިގެން ދާނީ މުޒްދަލިފާއަށެވެ.

މުޒްދަލިފާގައި ރޭކުރުމަށްފަހު، ޖެހިގެން އަންނަ ދުވަހުގެ ފަތިހު މިނާއަށް ގޮސް ޖަމަރަތުލް އަޤަބާއަށް ހިލައުކުމުގެ އަޅުކަން ހައްޖުވެރިން އަދާކުރެއެވެ. އޭގެފަހުން، މައްކާއަށް އެނބުރި ގޮސް ޠަވާފުކުރެއެވެ. މި އަޅުކަންތައް ނިންމުމަށްފަހު، ގުރުބާނީ ކަތިލައި، އިޙްރާމުން ޙަލާލުވުމުގެ ގޮތުން ބޯބާލައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު މިނާގައި މަޑުކޮށް، ކޮންމެ ދުވަހަކު ތިން ޖަމްރާއަށް ހިލައުކުމުގެ އަޅުކަން އަދާކުރެއެވެ.

ދިވެހި ޙައްޖުވެރިންގެ ތެރޭގައި މިވަގުތު ހާލުބޮޑު ބަލި މީހެއް ނެތްކަމަށް ޙައްޖު މިޝަނުން މަޢުލޫމާތު ދެއެވެ.

ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން