ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ޢީދުގައި ދީނީ އިމުގެ ތެރޭގައި، އެއްބައިވަންތަކަމާއި އުފާވެރިކަމުގެ ރޫޙު އާލާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިލްތިމާސް ކުރަށްވައިފިއެވެ.

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ރާއްޖޭގެ ރަށްރަށުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ޓީވީ ޕްރޮގްރާމެއްގައި ވަޒީރު އާދަމް ނަސީރު ރޭ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢީދު ފާހަގަކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިފައި ވަނީ ޢީދަކީ އިސްލާމީ މަތިވެރި އިޙްތިފާލަކަށް ވާތީ ކަމަށެވެ.

އެހެންކަމުން، އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ޢީދުގެ އުފާ ފާޅުކޮށް އެއްބައިވަންތަކަމާއި އުފާވެރިކަމުގެ ރޫޙު ވީހާ ވެސް ބޮޑަކަށް އާލާކުރުމަކީ ސަރުކާރުން ވަރަށް ތަރުޙީބުދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ވަޒީރު ވަނީ، ސަގާފީ ކުޅިވަރުތައް ކުޅޭއިރު ދިވެހިން އެކުޅިވަރުތައް އަސްލު ކުޅެއުޅުނު ގޮތަށް ކުޅުމަށް ހިތްވަރު ދެއްވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިހުގެ ބައެއް ކުޅިވަރުތައް ދިވެހީން އޭރު ކުޅުނު ގޮތުގެ ބައެއް މަޢުލޫމާތު ޙިއްސާކުރަށްވަމުން ވަޒީރު ވިދާޅުވީ ދިވެހި ބައެއް ކުޅިވަރުތަކަކީ ހަމައެކަނި ފިރިހެނުން ކުޅޭ ކުޅިވަރު ކަމަށެވެ. އޭގެ ތެރޭގައި ތާރަ، މަންގަލަން، ދިގުމަގުނެގުން، އަދި މަލިކު ދަނޑި ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުން ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ބަނޑިޔާޖެހުމާއި، އަންހެނުން ވަކިން ގުރޫޕު ހަދައިގެން ބޮޑުބެރުޖެހުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ކުލަ ޖެހުމަކީ މިހާރު ކުރާ އާންމު ކަމަކަށް ވާއިރު، ވަޒީރު ވިދާޅުވީ އެއީ އިހު ދިވެހީންގެ ސަގާފަތުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެ ޒަމާނުގައި ބޮޑު ޢީދަކީ ފެންކުޅި ކުޅޭ ޢީދެއް ކަމަށާއި، ކުލަ ކުޅުމަކީ ކޮށް އުޅުނު ކަމެއް ނޫން ކަމަށް ވިދާޅުވެ ވަޒީރު ވަނީ އެހާރާއި މިހާރުގެ ބައެއް ތަފާތުތަކުގެ މައްޗަށް ތާރީޚީ ގޮތުން ވެސް އަލިއަޅުއްވައި ލައްވައިފައެވެ.

ޢީދުގައި ދީނީ އިމުގެ ތެރޭގައި، އެއްބައިވަންތަކަމާއި އުފާވެރިކަމުގެ ރޫޙު އާލާކުރުމަށް ވަޒީރު އިލްތިމާސް ކުރަށްވާފައިވާއިރު، ސަރުކާރުން ޤައުމީ ފެންވަރެއްގައި މި އަހަރުގެ ބޮޑު އީދު ތިން ރަށެއްގައި ފާހަގަ ކުރާނެއެވެ. އެއީ ލ.ގަމާއި ހއ.ކެލާގެ އިތުރުން ކ.ގުރައިދޫގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން