މުސްލިމުންނަށް ޢިއްޒަތާއި ޤަދަރު ޙާޞިލުކުރެވޭނީ، ދީނުގެ އަސާސުތަކުގައި ހިފައިގެން، ބައިބައިނުވެ، އެއްގަލަކަށް އަރައިގެން ކަމަށް މިއަދުގެ އަޟްހާ ޢީދު ޚުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގައި ކުރެވުނު އަޟްހާ ޢީދު ނަމާދުގެ ޚުތުބާގައި، ބުނީ މުސްލިމުންގެ ޢިއްޒަތާއި ޤަދަރު ޙާޞިލުކުރެވޭނީ ދީނުގެ އަސާސުތަކުގައި ހިފައިގެން، ބައިބައިނުވެ، އެއްގަލަކަށް އަރައިގެން ކަމަށެވެ. ޚުތުބާގައި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ މަތިވެރި ޤުރުބާނީގެ ވާހަކަ ހަނދާންކޮށްދެއްވައި، އެއިން އިބުރަތް ހާސިލުކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ. މިގޮތުން، މާތްﷲ އަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް މި ޤުރުބާނީން ލިބޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުން ކަމަށާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. އަދި ކީރިތި ރަސޫލާގެ ސަހާބީންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން އިސްލާމްދީނަށް ފައުޖުފައުޖަށް މީސްތަކުން ވަދެފައިވާކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޙައްޖާއި ޢީދު ޝަރުޢުކުރެއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމާއި، އުންމަތް އާރާސްތުކުރުން ހިމެނޭކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި މުސްލިމުންނަށް ގޮވާލީ މި ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، އިސްލާމްދީން އަމުރުވެރި ފަރާތެއްގެ ގޮތުގައި ބަލައިގަތުމަށެވެ. އަދި ދީނުގެ އަސާސުތަކުގައި ހިފައިގެން، ބައިބައިނުވެ، އުންމަތުގެ މަސްލަހަތުތައް ހާސިލުކުރުމަށް ޓަކައި އެއްގަލަކަށް އަރައިގެން މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، އިސްމާޢީލްގެފާނުގެ ކިޔަމަންތެރިކަމަކީ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި، މައިންބަފައިންނަށް ކިޔަމަންގަތުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި މިއަދު ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވާ މައްސަލަ ފާހަގަކޮށް ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ އަޟްހާ ޢީދު ނަމާދު ކޮށްފައެވެ. މާލެ އާއެކު ގިނަ ރަށްރަށުގައި ޢީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާޢަތުގައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން