އަޟްޙާ ޢީދު ފާހަގަކުރުމަށް މިއަދު ހެނދުނު އއ.އުކުޅަސްގައި ކުރިއަށް ގެންދިޔަ  ވެދުމާ ދިޔުން ހަރަކާތުގެ ތެރެއިން
އަޟްޙާ ޢީދު ފާހަގަކުރުމަށް މިއަދު ހެނދުނު އއ.އުކުޅަސްގައި ކުރިއަށް ގެންދިޔަ ވެދުމާ ދިޔުން ހަރަކާތުގެ ތެރެއިން
ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އަޟްޙާ ޢީދުގެ ކުޅިވަރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ޢީދުގެ ކުޅިވަރުތައް ރަސްމީކޮށް ފެށިފައިވަނީ މިއަދު ހެނދުނު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރެވުނު ޢީދު ނަމާދަށްފަހުގައެވެ. ގިނަ ރަށްރަށުގައި ޢީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާޢަތުގައެވެ.

ބައެއް ރަށްރަށުގައި ނަމާދަށްފަހު ރަށުގެ އެންމެހައި ރައްޔިތުންނަށް ހުޅުވާލައިގެން ޢީދު ސައި ބާއްވާފައިވެއެވެ. މި ސައިގެ ފަހުން ޢީދު ކުޅިވަރުތައް ރަސްމީކޮށް މިހާރު ވަނީ ފެށިފައެވެ. މިގޮތުން ބައެއް ރަށްރަށުގައި ފެންކުޅި، ވެދުމާއި ދިޔުން އަދި އެހެނިހެން ސަގާފީ ކުޅިވަރުތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ބައެއް ރަށްރަށުގައި ހަވާ އެރުވުމާއި، ޢީދު މަޅި ރޯކުރުމާއި، ވެދުމާއި ދިޔުން ފަދަ އާދަކާދައިގެ ހަރަކާތްތައް ވެސް ރޭ ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، މިއަދާއި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ވެސް ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތަކާއެކު ޢީދުގެ ގިނަ ހަރަކާތްތަކެއް ގިނަ ރަށްރަށުގައި ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިވެހިން "ބޮޑު ޢީދު" ގެ ގޮތުގައި ފާހަގަކުރާ އަޟްޙާ ޢީދަކީ ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޢީދެކެވެ. މިއަހަރު ސަރުކާރުގެ ފަރާތުން ޤައުމީ ފެންވަރުގައި ތިން ރަށެއްގައި ޢީދު ފާހަގަކުރެއެވެ. އެގޮތުން އަޟްޙާ ޢީދު ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެ އަތޮޅު ގުރައިދޫ، އަދި ހައްދުންމަތީ ގަމެވެ. އެތިން ރަށުގައި ޢީދާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

ޢީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް މާލެއިން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެތެރެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ޢީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނީ އަންނަ އަންގާރަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން