ސަރުކާރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.



ދައުލަތުގެ މީޑިޔާ އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބުދު ﷲ ޚަލީލް ވިދާޅުވީ ރާއްޖެއާއެކު އޮތް ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން، އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ލިބެމުންދާކަމަށެވެ. މިނިސްޓަރު ޚަލީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ހާލަތު އެހާ ފަހި ނޫންކަމަށާއި އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ވާހަކަ ދައްކަމުން ދިޔަކަމަށެވެ.

"ޚާރިޖިއްޔާއާއި ޖުމުލަކޮށް ދިވެހި ދައުލަތުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތް ދުވަހެއް ދުވަހަކަށް ކުރިއަރައި ރައްޔިތުންނަށް ނަފާވާނެ ކަހަލަ ކަންތައްތަކެއް ރައީސް ގެނެސްދެއްވާކަން،" ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި ޤައުމުތަކާއެކު ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު އަލުން ފެށި، ތިލަފުށި-މާލެ ގުޅާލާ ބްރިޖުގެ މަސައްކަތް އަވަސްވެފައިވާކަން ވެސް ޚަލީލް ފާހަގަކުރެއްވިއެވެ. ޚަލީލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ބްރިޖްގެ ނިމިފައިވަނީ އެންމެ 22 އިންސައްތަ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު 57 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޚަލީލް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރާ ބޭރު ދަތުރުތަކަކީ ނަތީޖާ ނެރެވޭ ގޮތަށް ކުރެވޭ ދަތުރުތަކެކެވެ. މި ދަތުރުތަކުގައި އެހީ ހޯދުމުގެ އިތުރުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް މަސައްކަތްކުރެވޭ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާތައް އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ ފެންނަމުންދާ ތަން އެބަފެނޭ." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން