ސިއްޙަތާބެހޭ ވަޒީރު ޢަބްދުالله ނާޒިމް
ސިއްޙަތާބެހޭ ވަޒީރު ޢަބްދުالله ނާޒިމް
މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް ސިއްޙަތާބެހޭ ވަޒީރު ޢަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ.

ޑައިލިސިސްގެ ހިދުމަތަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށް މީހުންނަށް ކޮންމެ ހަފްތާއަކު ދޭއް ނުވަތަ ތިން ދުވަހު ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކުރުމަށް ފޯރުކޮށްދޭ ޚިދުމަތެކެވެ.

ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ނާޒިމް ވިދާޅުވީ، މިސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އަތޮޅުތަކަށް ޑައިލިސިސްގެ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ސެޕްޓެމްބަރުމަހާ ހަމައަށް ކޮންމެ އަތޮޅަކުންވެސް ޑައިލިސިސްގެ ޚިދުމަތް ލިބޭ ވަރަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަށްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިހާރުވެސް މަދު އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި މި ހިދުމަތް ފަށާފައިވާކަން ފާހަގަކުރަށްވަމުން ވަޒީރު ނާޒިމް ވިދާޅުވީ، ޑައިލިސިސް ހަދަންޖެހޭ މީހުން ގިނަ ރަށްރަށަށް އަމާޒުކޮށްގެން ޑައިލިސިސްގެ ހިދުމަތް ފުޅާކުރަށްވާނެ ކަމަށެވެ. މިހާރު މި ހިދުމަތް ނުފެށިވަނީ އއ، އދ، ވ، ފ އަދި ދ އަތޮޅުގައެވެ.

ވަޒީރު ނާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އަތޮޅުތަކުގައި ވެސް ގިނަ ބަޔަކު އުޅެއެވެ.

ރާއްޖޭގައި ކިޑްނީ ބަލި އިތުރުވަމުންދާތީ، އައިޖީއެމްއެޗުގައި ވަނީ އެކަމަށް ޚާއްސަ ސެންޓަރެއް ޤާއިމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން