ހިޖުރަ ކުރަން އެދިފައިވާ ރަތްމަންދޫ އާއި ހިރިމަރަދޫގެ ސާވޭގެ ރިޕޯޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުންގެ 95 އިންސައްތައަށް ވުރެ ގިނަ މީހުން ހިޖުރަކުރަން ބޭނުންވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ހިރިމަރަދޫއިން ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ، ރަތްމަންދޫގެ ރައްޔިތުން ވެސް އެހެން ތަންތަނަށް ބަދަލުވާން ބޭނުންވާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ހިރިމަރަދޫ ރައްޔިތުން ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނީ ހދ. ހަނިމާދޫއަށެވެ.

މީގެ އިތުރުން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން އޭނާ ހިރިމަރަދޫއަށް ދަތުރެއް ކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުން ބޭނުންފުޅުވާ ގޮތް ދިރާސާކުރެއްވުމަށްފަހު ރިޕޯޓެއް ރައީސަށް އަރުވާފައިވާނެ ކަމަށެވެ. އަދި ރަތްމަންދޫ ބަދަލުވުމާ ބެހޭ ގޮތުން ވެސް ސަރވޭކޮށް ރިޕޯޓެއް ރައީސަށް އަރުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރަތްމަންދޫގެ ރައްޔިތުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކުރެވިގެން ކުރިއަށްދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި ދެ ރަށަކީ ރައްޔިތުންގެ ވަރަށް ބޮޑު އިސްނެގުމަކާއެކު ހިޖުރަކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށްރަށް ކަމަށެވެ. އަދި ލަސްތަކެއް ނުވެ މި މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން