ލައިބާ އަހްމަދު މަޙްލޫފް، ދިވެހިރާއްޖެ އަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވި ކަމީ ލައިބާއަށާއި އާއިލާއަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްވަރެއް ކަމަށް ލައިބާގެ ބައްޕަ، އަދި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އަރމޭނިއަން ޔޫތު އޯޕަންގެ ބެޑްމިންޓަން މުބާރާތުގައި ކުރީގެ މިނިސްޓަރު އަޙްމަދު މަޚުލޫފްގެ ދަރިކަނބަލުން ލައިބާ އަހުމަދު މަޚްލޫފް ވަނީ މުބާރާތުގައި ތިން ރަން މެޑަލް ހޯދުމުގެ ޝަރަފު ހާސިލުކޮށްފައެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ ލައިބާ އަށް މަރުޙަބާ ވިދާޅުވެފައެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ މުސްތަޤުބަލެއް ބިނާކުރުމަށް މަސައްކަތްކުރާ ކޮންމެ ޒުވާނަކަށްވެސް ނަމޫނާއެއް ކަމަށެވެ. ރައީސް ވަނީ ލައިބާ އަށް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ ލައިބާއަށް އިތުރު ކާމިޔާބީތަކާއި ރަން މެޑަލްތައް ލިބި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ޕޯސްޓު ރީޓްވީޓް ކުރައްވައި ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވީ ބައިނަލްއަޤްވާމީ އަދި ޤައުމީ މުބާރާތްތަކުގައި ލައިބާ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، އޭނާގެ އިތުރު ކުރިއެރުމަށްޓަކައި ސަރުކާރުގެ "އަރުތަ" ޕްރޮގްރާމުގައި ހިމަނުއްވައިދެއްވި ކަމަށްޓަކައި ރައީސް މުޢިއްޒަށާއި ކުޅިވަރާބެހޭ ވަޒީރު ރާފިޢު އަށް ޝުކުރު ދަންނަވާ ކަމަށެވެ.

"އިންޝާ ﷲ، އިތުރު ކާމިޔާބީތަކަށް ވާޞިލުވުމަށް ދެމިތިބޭނަމެވެ." ލައިބާގެ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އޭނާގެ ބައްޕަ، މަޚްލޫފް ވިދާޅުވިއެވެ.

ލައިބާއަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމުގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިއެކެވެ. "އަރުތަ" ޕްރޮގްރާމަކީ ދިވެހި ކުޅިވަރުގެ އާ ޖީލެއް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިންގެ ހުނަރު ދައްކުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޚާއްޞަ ޕްރޮގުރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން