މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާކޮށްފި އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުު އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން 25 އޭޕްރީލްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެމައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މެއި މަހު25 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން ބުނީ ރަޢުދު މައްޗަށް ދަޢުވާކޮށް އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ ހަފުތާގައި ކަމަށެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިންގޮތުގައި ރައުދުގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ރައުދުގެ މައްޗަށް ދައުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ އާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

ރައުދަކީ ޔުމްނު ވެއްޓުނު ވަގުތު، ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އޭނާއާއެކު ހުރި ޒުވާނާއެވެ. ޔުމްނު ވެއްޓުނީ އެ ގޭގެ ތެރޭގައި ރައުދާއެކު އުޅެނިކޮށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި ރައުދު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ވެސް ޕޮޒިޓިވް ވެފައެވެ.

މި މައްސަލައިގެ އެންމެ ފުރަތަމަ ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ފުލުހުން ރައުދު ހައްޔަރުކުރީ ތަޙްޤީޤަށް އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ.

ރައުދު ހައްޔަރުކޮށް ބަންދުކުރުމަށް ނެރުނު ދެވަނަ އަމުރުން އެނގުނުގޮތުގައި ހާދިސާ ހިނގިރޭ ރައުދާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ހިނގާފައިވެއެވެ. މީގެ އިތުރުން، އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޔުމްނު ވެއްޓުނު ކަމަށް ރައުދު ކޮންމެވެސް މީހެއް ކައިރީގައި ހާދިސާ ހިނގިތާ މާގިނަ އިރެެއް ނުވަނީސް ބުނެފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން