ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله
ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله
ކުއްލި ގޮތަކަށް މެލޭޝިޔާގައި އިއްޔެ އަވަހާރަވި ޠައިބާ ޙައްޖު އުމްރާ ގްރޫޕްގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިއަށް ގެންދިއުމަށް އާއިލާއިން ނިންމައިފިއެވެ.

ޢާއިލާއާ ޙަވާލާދީ، އިތުބާރު ހުރި މަސްދަރަކުން މީސްމީޑިއާގައި މިއަދު ބުނެފައިވަނީ، ޝައިޚްގެ ހަށިކޮޅު ރާއްޖެއަށް ގެނެވެން އޮތީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށެވެ. ނަމަވެސް އެކަން ކުރުމަކީ ޝައިޚްގެ ހެޔޮ ޙާލުގައި އަބަދުވެސް އިންކާރު ކުރަށްވަމުން ގެންދެވި ކަމަކަށްވާތީ، އެކަން ކުރުމަށް ޢާއިލާއިން ބޭނުން ނުވާކަމަށް އެ ޕޯސްޓުގައި ވެއެވެ.

“ޝައިޚް ފަރީދު رحمه الله ގެ ހަށިގަނޑު، ދިވެހި ރާއްޖެއަށް ގެންނަ ނަމަ، ކުރަންޖެހޭ ބައެއް ކަންކަމަކީ، ޝައިޚް އަބަދުވެސް އިންކާރު ކުރައްވާ ކަންކަމެވެ.” އާއިލާ އާއި ޙަވާލާދީ މީސްމީޑިއާގައި ބުނެފައިވެއެވެ.

އެހެންކަމުން ޝައިޚްގެ ޖަނާޒާ މެލޭޝިއާގައި ކުރިއަށް ގެންދާ ގޮތަށް، ޢާއިލާއިން މިހާރު ވަނީ ނިންމާފައެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ ޚިދުމަތް ޖަމިއްޔާގެ ރަސްމީ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އެއާޕޯޓުގައި ހުންނަވަނިކޮށް ޝައިޚް ފަރީދު ވެއްޓިވަޑައިިގެންނެވުމުން އަވަސް ފަރުވާ ދެމުންދަނިކޮށް ޝައިޚް ވަނީ އަވަހާރަވެފައެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ދެއްވުމާއި، ހައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޝައިޚް އަވަހާރަވުމާ ގުޅިގެން ޝައިޚަށް ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ޙިއްސާކޮށްފައިވާ މެސެޖްތަކުން މީސްމީޑިއާގެ ވަޞީލަތްތައް ވަނީ ފުރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން