ބައްޕަ އަވަހާރަވީ ފުރަތަމަ ކާފަ ދަރިފުޅު އުރާލުމުގެ ނަސީބުވެސް ނުލިބި ކަމަށް އިއްޔެ އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ފިރިހެން ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) ބުނެފިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދު އިއްޔެ ވަނީ ކުއްލި ގޮތަކަށް އަވަހާރަވެފައެވެ. ފަރީދު އަވަހާރަވީ އޭނާ ހިންގަވަމުން ގެންދަވާ ޚިދުމަތް ޖަމިއްޔާގެ ފަރާތުން ރޭވި ދީނީ ހަރަކާތަކަށް މެލޭޝިޔާ އަށް ވަޑައިގެން ކުއާލަލަމްޕޫރު އެއާޕޯޓްގައި ހުންނަވަނިކޮށެވެ. އިއްޔެ އަކީ ޝައިހް އިބްރާހިމް ފަރީދު އަހްމަދަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންނެވި ދުވަހެވެ.

އޭނާގެ ފިރިހެން ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބައްޕަ އަވަހާރަވީ ފުރަތަމަ ކާފަ ދަރިފުޅު ދުނިޔެއަށް އައި ނަމަވެސް، އެ ދަރިފުޅު އުރާލުމުގެ ނަސީބުވެސް ލިބިވަޑައިނުގެން ކަމަށެވެ. ޝެއިހްގެ ކާފަ ދަރިކަލުން ވިއްސާ ކޮޓަރިން ނެރުނުއިރު ޝެއިހް ދަރިފުޅު އަބޯގެ ގާތުގައި ހުންނެވިއެވެެ.

"ހާލަތު ދިމާ ކުރިގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިއައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބިއެވެ. ވިއްސާ ކޮޓަރިން ނެރުނު ވަގުތު ބައްޕަ އަޅުގަނޑު ގާތުގައި ހުއްޓެވެ. އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރެވެ." ފަރީދުގެ ދަރިފުޅު ވަރަަށް އަސަރާއެކު ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

ފަރީދުގެ ދަރިފުޅު އަބޯ ބުނީ އޭނާގެ މަންމަ ގުޅައި ބައްޕަގެ ހަބަރު ބަލާލަދިނުމަށް އެދުނުއިރު، އޭނާ ގުޅި ބައްޕައާއެކު ދަތުރު ކުރި ހިދުމަތް ޖަމިއްޔާގެ އިސްވެރިއަކަށް ކަމަށެވެ. ގުޅާލި ވަގުތުވެސް ބައްޕަ ފަރީދަށް އަވަސް ފަރުވާ ދެމުންދާ އަޑު އިވުނު ކަމަށާއި ކުއްލިއަކަށް ބައްޕަ ނިޔާވި ކަމުގެ ހިތާމަވެރި ހަބަރު ލިބުނު ކަމަށް މެސެޖުގައި ފަރީދުގެ ދަރިފުޅު ބުންޏެވެެ.

އަބޯ ހިއްސާ ކުރި އެ ޕޯސްޓްގައި ބައްޕައާއެކު ހޮސްޕިޓަލުގައި އިން ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. އަނެއް ފޮޓޯއިން ޖޫން އަަށްވަނަ ދުވަހު ޝެއިހް ފަރީދަށް ފޮނުވި ކާފަ ދަރިފުޅުގެ ފޮޓޯއެއް ފެނެއެެވެ. އެ ފޮޓޯ ފޮނުވުމާއެކު ފަރީދު ޖަވާބު ވެސް ދެއްވިއެވެ.

"މާޝާﷲ ކާފަގެ ލޯބި." ޝެއިހް ފަރީދުގެ މެސެޖްގައިވެއެވެ.

ޝެއިޚް ފަރީދުގެ ދަރިފުޅު އަބޯ އިތުރަށް ބުނެފައިވަނީ ބައްޕަ ދެއްވި ހެޔޮ ނަޞޭޙަތްތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި ބައްޕަ ފަޚުރުވެރިވާފަދަ ޞާލިޙު ދަރިއަކަށްވެ، އެގޮތުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން މެސެޖްގައި ދީފައިވެއެވެ. މީގެ އިތުރުން، ކާފަ ދަރިފުޅަށް ދޭން ގަސްތުކުރާ ތަރުބިއްޔަތަކީ ޝެއިޚް ފަރީދު ދަރިކަލުންނަށް ދެއްވި ތަރުބިއްޔަތު ކަމުގައި ޝެއިޚް ފަރީދުގެ ދަރިފުޅު ބުންޏެވެ.

ޝެއިޚް ފަރީދުގެ ދަރިކަލުން ވަނީ ބައްޕަ އަށް ހެޔޮ ދުޢާ ކޮށްފައެވެ. އެ ދުޢާގައި، ޝެއިޚް ފަރީދުގެ ފާފަ ފުއްސެވުމަށާއި، ކައްވަޅުގެ ޢަޛާބުން މިންޖުކުރެއްވުމަށާއި، އަދި ކާފަ ދަރިފުޅާއެކު ޖަންނަތުލް ފިރުދައުސްގައި ބައްދަލުވުމަށް އެދިފައިވެއެވެ.

މެލޭޝިޔާގައި އިއްޔެ އަވަހާރަވި ޠައިބާ ޙައްޖު އުމްރާ ގްރޫޕްގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް އޭނާގެ އާއިލާ އިން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން