ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله
ކުއްލި ގޮތަކަށް މެލޭޝިޔާގައި މިމަހުގެ 9 ވަނަ ދުވަހު އަވަހާރަވި ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله އަވަހާރަވެފައިވަނީ ޝަހާދަތް އިނގިލިން ތައުހީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ހާލުގައި ކަމަށް ޝައިޚް ފަރީދުގެ ކޮއްކޮ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޠައިބާ ޙައްޖު އުމްރާ ގްރޫޕްގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله އަވަހާރަވީ ރާއްޖޭން މެލޭޝިއާއަށް ވަޑައިގެން އެއަރޕޯޓުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށެވެ. ޝައިޚް މެލޭޝިއާއަށް ވަޑައިގެންނެވީ ޙަލާލު ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޝައިޚް ފަރީދުގެ ޖަނާޒާ މިއަދު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގައި ބާއްވާފައި ވާއިރު އިމާމްވެ ކަށު ނަމާދު ކުރަށްވާފައިވަނީ ޝައިޚް ޒައިދެވެ. އަދި ޒައިދު ވިދާޅުވީ ޝައިޚް އޮންނެވީ ވަރަށް ރީތިކޮށް ކަމަށާއި، ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި ކަމަށެވެ.

“ބޭބެ އޮތީ ވަރަށް ރީތިކޮށް! އަދި ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި! ބޭބެއަށް ހެޔޮ ދުޢާކުރައްވަވާ!” ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ޢުމުރުފުޅުން 53 އަހަރުގައި ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله އަވަހާރަވެފައިވާއިރު، އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، 9 ޖޫން 2025 ގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެއާއެކު ޝައިޚް އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ހިދުމަތް ޖަމިއްޔާއިން މިހާރު ވަނީ ޝައިޚްގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށްވެސް ނިންމާފައެވެ. އަދި އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު އެ ޖަމިއްޔާއިން ވަނީ ހުޅުވާލައިފައެވެ.

އެ ޖަމިއްޔާއިން ބުނީ މިސްކިތުގެ ޖާގައިގެ އަދަދަކީ 455 މީހުން ކަމަށެވެ. އަދި ބޮޑުމިނުގައި 250 ސްކޮއާ މީޓަރު ހުންނަ އެ މިސްކިތައް ހަރަދުވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކޮށްފައިވަނީ 760،000ރުފިޔާއެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ދެއްވުމާއި، ހައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޝައިޚް އަވަހާރަވުމާ ގުޅިގެން ޝައިޚަށް ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ޙިއްސާކޮށްފައިވާ މެސެޖްތަކުން މީސްމީޑިއާގެ ވަޞީލަތްތައް ވަނީ ފުރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން