ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އާމްދަނީ 16.7 ބިލިއަން ރުފިޔާއަށް އަރާފައިވާކަން މާލީ ހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ 05 ވަނަ ދުވަހާ ހަމައަށް ބަލާއިރު، ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 16.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 6.0 އިންސައްތައިގެ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގެ ތަފްސީލުތަކަށް ބަލާއިރު، ޓެކްސްގެ ގޮތުގައި މިހާތަނަށް 13.1 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މިއީ މުޅި އާމްދަނީގެ 78.4 އިންސައްތައެވެ. އަދި މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ލަފާކުރެވުނު އާމްދަނީ އާއި ހިލޭ އެހީގެ ތެރެއިން 41.9 އިންސައްތަ މިހާރު ވަނީ ލިބިފައެވެ.

މިއަހަރަށް ލަފާކުރި ޖުމުލަ ހަރަދުގެ 36.1 އިންސައްތަ މިހާތަނަށް ހޭދަކޮށްފައިވާއިރު މިދިޔަ ހަފްތާއަށް ބަލާއިރު ދައުލަތުން ހަރަދުކޮށްފައިވަނީ 15.6 ބިލިއަން ރުފިޔާއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަށްވުރެ 22.1 އިންސައްތަ ދަށް އަދަދެކެވެ.

މާލީ ހިސާބުތަކުން ދައްކާގޮތުގައި ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވެސް މި މުއްދަތުގައި ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން ރިކަރަންޓް ހަރަދުތައް ވަނީ 4.4 އިންސައްތައިން ދަށްވެފައެވެ. އަދި ކެޕިޓަލް ހަރަދުތައް ވަނީ 71.8 އިންސައްތައިން ދަށްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން