ކަސްޓަމްސުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން ބަލަނީ
ކަސްޓަމްސުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން ބަލަނީ
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތީގެ ޝިޕްމެންޓާ ހަވާލުވާން ދިޔަ ބިދޭސީމީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހުރީ ޕްލާސްޓިކް ގަސްޕޮޓްތަކެއްގައި ފޮރުވާފައެވެ. މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ. އަދި މި ތަކެތި ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމުން ހާމަކޮށްފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ބުނީ އެ މަސްތުވާތަކެއްޗާއެކު 35 އަހަރުގެ ބިދޭސީ ފިރިހެނަކު ކަސްޓަމްސުން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެމީހާ އަކީ އެތަކެއްޗާ ހަވާލުވާން ގޮސް ހުރި މީހާއެވެ.

ނަމަވެސް ފުލުހުންނާ ޙަވާލާދީ ބައެއް މީޑިއާތަކުން މިއަދު ބުނެފައިވަނީ، ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން، މަސްތުވާތަކެތި އެތެރެކުރި ބަޔަކާ މުދާ ކްލިއާ ކުރަންދިޔަ މީހާއާ ގުޅުމެއް އޮތްކަމަށް ނުފެންނާތީ ބިދޭސީމީހާ ދޫކޮށްލާފައިވާ ކަމަށެވެ.

ކަސްޓަމްސުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަތުލައިގަންނަ މަސްތުވާތަކެއްޗާއި، އެއާ ހަވާލުވާން އަންނަ މީހުން އެ އިދާރާއިން ހަވާލުކުރަނީ ފުލުހުންނާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން