ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ރަށެެއްގައި ފަސް ކައުންސިލަރުން ތިބުމުން އަޖައިބުވާން ޖެހޭ ސަބަބާމެދު މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ސުވާލު އުފައްދަވައިފިއެވެ.

ޣަފޫރު މިފަދަ ސުވާލެއް އުފައްދަވާފައިވަނީ، ކޮންމެ ރަށެއްގެ ކައުންސިލްގައި ފަސް ކައުންސިލަރުން ތިބޭއިރު، އެއަދަދަށް ކޮންމެ ރަށެއްގައި ކައުންސިލަރުން ތިބެން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން މިއަދުގެ މަޖިލީހުގައި ޣަފޫރު ވިދާޅުވީ، ސަރުކާރުގައި ބޮޑެތި މުސާރަލިބޭ ސިޔާސީ މަޤާމުތަކުގައި ޢަދަދު ނޭންގޭހާ ސިޔާސީ މުވައްޒަފުން ގިނަ ކަމަށެވެ. އެހެންކަމުން ރަށެއްގައި އާދައިގެ މުސާރައެއްލިބޭ 5 ކައުންސިލަރުން ތިބުމަކީ އަޖައިވާން ޖެހޭ ކަމެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ހަމައެއާއެކު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ތާއީދު ނުކުރާނެ ކަމަށާއި، ކައުންސިލްތަކުން ރައްޔިތުންނަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ މިހާތަނަށް ފެންނަން އެބަހުރި ކަމަށްވެސް ޣަފޫރު ވިދާޅުވެފައިވެއެވެ. އަދި އާބާދީ މަދުރަށެއްގައިވެސް އާބާދީބޮޑު ރަށެއްގައި ހުރި ހުރިހާ މައްސަލަތަކެއް ހުންނާނެކަން ޣަފޫރު ފާހަގަ ކުރެއްވިއެވެ.

“ރަށެއްގެ ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމަން ފަސް ބޭފުޅުން ތިބުން އެއީ ބަޔަކު އަޖައިބުވާން ޖެހޭ ވަރު ކަމެއްތޯ؟” ޣަފޫރު ސުވާލު އުފައްދަވާފައިވެއެވެ.

ހަމައެއާއެކު ޣަފޫރު ވިދާޅުވީ މައްސަލައަކީ ކައުންސިލަރުންގެ ޢަދަދު ނޫން ކަމަށާއި، މައްސަލައޮތީ ސަރުކާރުގައި ކަމަށެވެ. އަދި މިސަރުކާރުން މަސައްކަތްކުރަނީ ލާމަރުކަޒީ ނިޒާމު ހަލާކުކޮށް ޚުދުމުހުތާރު ވެރިކަމެއް ހިންގުމަށްކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

“ވެރިކަމަށް އައިމާ ޖެހުނު ދިމާލަކުން ލޫޓުވާލައި، މުޅި ދައުލަތް ކޮޅާލައި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޙައްދެއް ހުދޫދެއް ނެތި އެ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ.” ޣަފޫރު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ޣަފޫރު ވަނީ، ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ބޭނުން ނުވާވަރަށް ސިޔާސީ މީހުން ލުމަކީ ވެރިކަން ދެމެހެއްޓޭނެ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

ޣަފޫރު މިހެން ވިދާޅުވެފައިވާއިރު ސުޖާއު މިއަދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ފުލް ޓައިމްކޮށް ދެ ކައުންސިލަރުން ތިބޭ ގޮތަށް ހަދައި ބާކީ ތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވަންސް ދޭ ބަޔަކަށް ހެދިއްޖެނަމަ ދަޢުލަތަށް އެތައް ގުނައަކުން ހަރަދު ކުޑަވާނެ ކަމަށެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން