މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު ނިއުޝާދު އެވެ.

އެ ގަރާރުގައި ބުނެފައިވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުންދާކަމުގެ ޝަކުވާތައް އަންނަ ކަމަށެވެ.

ގަރާރުގައިވާ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތެވެ.

އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައި ވެއެވެ.

ނިއުޝާދު ހުށަހެޅި ގަރާރުގައި ބުނީ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރުހިނގާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް ގަރާރުގައި ވެއެވެ.

އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެތަންތަނަށް ހުށަހެޅިޔަސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ފާއިތުވާ ކަމަށް ވިޔަފާރިވެރިން ބުނަމުންދާ ކަމަށްވެސް ގަރާރުގައި ވެއެވެ.

ހަމަ އެހެންމެ، ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތަސް އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލާ ކަމަށާއި، މިއީ ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެއް ކަމަށް އެ ގަރާރުގައި ވެއެވެ.

ނައުޝާދު ވިދާޅުވީ މި ގަރާރު ހުށަހަޅުއްވާފައިވަނީ މިކަންކަމުގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން