އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ދުނިޔޭގައި ސުލްހަމަސަލަސްކަން ޤާއިމް ކުރުމުގެ ބަދަލުގައި އދ. އިން ދަނީ ބާރުގަދަ ގައުމުތަކާއި އެ ގައުމުތަކުގެ ބައިވެރިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިމަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ. މި ހަނގުރާމައިގެ ތެރެއަށް ވަދެ އެމެރިކާއިން މިއަދު ވަނީ އީރާނާ ދެކޮޅަށް ބާރުގަދަ ހަމަލާތަކެއް ދީފައެވެ.

އަދި އީރާނުން ސުލްހަ ނުވެއްޖެނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިފަހުން އިންޒާރު ވެސް ދީފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ އެމެރިކާއާއި ޒަޔަނިސްޓު ޔަހޫދީން ގުޅިގެން އީރާނާއި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ފަލަސްތީނަށް ހަމަޖެހުމެއް ނެތި ދުނިޔެއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެ ކަމަށްވެސް ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިހާރު ފެންނަނީ ދުނިޔެ ހަމަޖެހުމެއް ނެތް އަނިޔާވެރި ތަނަކަށް ވެގެންދާ މަންޒަރު ކަމަށެވެ. އަދި ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރާ އދ. އަކީ މިހާރު ސުލްހަ ގާއިމްކުރާ ތަނެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސުލްހަ ގާއިމުކުރުމުގެ ބަދަލުގައި އދ. އަކީ މިހާރު ބާރުގަދަ ގައުމުތަކާއި އެ ގައުމުތަކުގެ ބައިވެރިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވަން މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ފައްޔާޒް ވަނީ ސިފަކުރައްވާފައެވެ.



މި ހަނގުރާމަތަކުގެ ސަބަބުން މުސްލިމް މުޖުތަމައުތަކަށް އެތައް ތަކުލީފުތަކެއް ކުރިމަތިވާކަމަށް ފައްޔާޒުގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި މި ހަނގުރާމަތަކުގެ ސަބަބުން މުސްލިމް ދައުލަތްތައް ކަމަށްވާ އިރާގާއި، ލީބިޔާއާއި، ސީރިއާގެ އިތުރުން ލުބްނާން ވެސް ވީރާނާ ވެފައިވާ ކަމަށާއި، އީރާނަށް ފަހު ދެން ހަނގުރާމައިގެ ހާލަތުގައި އޮންނާނީ ތުރުކީއަށް ވުން ގާތްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މުޅި ދުނިޔެ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މި ލޭއޮހޮރުވުންތަކުގެ ޚަބަރުތަކާއި މަންޒަރުތައް ބަލަމުންދާއިރު، އެދެވޭ ގޮތެއްގައި އެކަންކަން ހުއްޓުވުމަށް އދ މާބޮޑު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އެހެންކަމުން މިކަމަށް އޮތް ހައްލަކީ އިންސާފު ހޯދުމަށް އދ.ގައި އާދޭސް ކުރުމުގެ ބަދަލުގައި، އެއް ގަބޫލުކުރުންތަކެއް ގަބޫލުކުރާ މިފަދަ ހަނގުރާމަތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމުތަކުން އާ އިއްތިހާދެއް އުފެއްދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން