މި އަހަރުގެ ޔޯގާ ދުވަސް ގިނަ ބަޔަކާއެކު ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އިލްމުވެރިންގެ ޖަމިއްޔާއިން ބަޔާނެއް ނެރެފިއެވެ.

ޔޯގާ ދުވަހަކީ އެކި ސަރުކާރުތަކުގައި ވެސް ރާއްޖޭގައި ފާހަގަކުރާ ދުވަހެކެވެ. އެގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށްދަނިކޮށް އެ ހަރަކާތް ރޫޅާލުމަށް ބަޔަކު ވަދެ ހަމަލާތަކެއް ދީ ހަމަނުޖެހުން ހިންގާފައިވެސް ވެއެވެ.

އަދި މި ދުވަސް ވަނީ ރާއްޖޭގެ ރިސޯޓެއްގައި 500 މީހުންނާ އެކު މި ފަހަރު ވެސް ފާހަގަ ކޮށްފައެވެ. މި އިވެންޓު ޝަރަފްވެރި ކޮށްދީފައިވަނީ ސަރުކާރުގެ އިސްބޭފުޅެކެވެ.

މިކަމާ ގުޅޭގޮތުން އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔޯގާގައި ހިމެނެނީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް 104 އިލްމުވެރިން ހިމެނޭގޮތަށް އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން އެކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން 2022 ވަނަ އަހަރުގެ ޔޯގާ ދުވަހު ހިނގައިދިޔަ ކަންކަމަކީ، ޔޯގާއަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެހެން އެކަން އޮއްވާ ސަރުކާރުގެ އެއްބާރުލުމާ އެކު ޔޯގާ ދުވަސް ފާހަގަ ކޮށްފައިވާތީ އެކަން އެ ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.

އަދި އެ ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއް ހިމެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ބަޔާނުގައި ވެއެވެ.

އިލްމުވެރިންގެ ޖަމިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ވަކިވަކި ދީނީ އިލްމުވެރިން ވެސް ގެންދަވަނީ މީސްމީޑިއާގައި އެކަން ކުށްވެރި ކުރައްވަމުންނެވެ. އަދި މި ސަރުކާރުން އެކަން ހުއްޓުވާފައި ނުވާތީ އެއީ ސަރުކާރާ މެދު އިތުބާރު ކުޑަވެފައިވާ ސަބަބެއްގެ ގޮތުގައި ވެސް އެ ބޭފުޅުން ދަނީ ފާހަގަ ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން