މިނިސްޓަރ ހައިދަރު މަޖިލީހުގައި
މިނިސްޓަރ ހައިދަރު މަޖިލީހުގައި
މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހު ނިންމާލެވޭނެ ކަމަށް ލޭބަރ އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރ ހައިދަރު ވިދާޅުވީ 2021 ވަނަ އަހަރުގެ ނޮވެންބަރު 8 ވަނަ ދުވަހު މިނިމަމް ވޭޖް ތައާރަފް ކުރި ފަހުން އަދި އެ ވޭޖު ރިވިއު ކޮށްފައި ނުވާ ކަމަށެވެ. އަދި އޭރު އޮތް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު ވެސް ފެންނަން ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މި މަސައްކަތް ކުރިއަށް ދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނާ ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދަނީ އެ މަސައްކަތަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކަމަވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިމަމް ވޭޖް މިހާރު ކަނޑައަޅާފައިވާ ގޮތް:

- ކުދި ވިޔަފާރިތަކަށް: މަހަކު 4,500 ރުފިޔާ

- މެދު ފަންތީގެ ވިޔަފާރިތަކަށް: މަހަކު 7,000 ރުފިޔާ

- ބޮޑެތި ވިޔަފާރިތަކަށް: މަހަކު 8,000 ރުފިޔާ

- ސިވިލް ސާވިސް: މަހަކު 7,000 ރުފިޔާ

މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގައި މިނިމަމް ވޭޖް ރިވިއުކޮށް، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަނޑައަޅަންޖެހޭއިރު، މިކަން ކަނޑައަޅަން ޖެހެނީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން