ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ އެމްޑީޕީން ނުކުމެވަޑައިގަތް ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ނިންމެވުމާ ގުޅިގެން އެމްޑީޕީން މިރޭވަނީ އެމަނިކުފާނުގެ އެނބުރިވަޑައިގަތުން ފާހަގަ ކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވާފައެވެ.

މި ޖަލްސާގައި ރައީސް ނަޝީދުވަނީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފޯމުގައި ސޮއި ކުރައްވާފައެވެ. ސޮއި ކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ޕާޓީއާ ދުރުގައި ދެ އަހަރެއްވަރު ހުންނެވުމަށްފަހު އެނބުރިވަޑައިގަންނަވާއިރު އިންތިހާއަށް އުފާފުޅު ވާކަމަށެވެ. އަދި ކުރެއްވެނީ އަލުން އަނބުރާ ގެއަށް އާދެވުނު ކަމުގެ އިހުސާސްކަމަށް ވިދާޅުވެ، ޕާޓީ ފުޅާކޮށް ކުރިއެރުވުމަށް ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޖޯޝުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް އެމްޑީޕީން ވަކާލާތުކޮށްގެން ގެނައި ނިޒާމެއް ކަމަށާއި އެ ނިޒާމު ކުރިއެރުވުމަށް އެ ޕާޓީން ކުރިއަށް އޮތްތާގައި ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.

އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށާއި ރައީސް މުޢިއްޒުއަށް އެ އިންތިހާބުން ހޯއްދެވޭނީ 20 އިންސައްތަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ރަށްތަކުގެ ތަރައްގީގެ ތަސައްވަރު އެއީ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮތްކަމެއް. އެނގިވަޑައިގަންނަވާނެ އެއީ ސީދާ އެމްޑީޕީގެ ފަލްސަފާއެއް. ލޯކަލް ކައުންސިލް އިންތިހާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނީ ބޮޑުކޮށް. ބޮޑުކޮށް. ރައީސް މުޢިއްޒު އަޅުގަނޑު މިހެން ދެންނެވީމަ ހިސާބު ޖައްސަވާތި، މަނިކުފާނަށް 20 ޕަސެންޓު..” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ 194 ރަށުގެ ރަށު ކައުންސިލް އެމްޑީޕީން ނަގަން ޖެހިއްޖެ ކަމަށާއި ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ހޯދާދޭން ޖެހިއްޖެކަމަށެވެ. އެހެންވެ އެމްޑީޕީގައި އެ މަސައްކަތުގައި ކުރަންޖެހުނު ހުރިހާ މަސައްކަތެއް ބާރަށް ކުރިއަށް ގެންދަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން