އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު (ކ) އާއި، ފައްޔާޒް (ވ)
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު (ކ) އާއި، ފައްޔާޒް (ވ)
ޕާޓީ ވަރުގަދަވާނީ ކަށިކެޔޮގަނޑު އެކައްޗަކަށް ހެދިގެން ކަމަށާއި، އެމްޑީޕީގެ މިސްރާބު މިހާރު ހުރީ އެމަގުން ކަމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، 2023 ގައި ކުރިމަތިވި ކަންތައްތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާއެކު ދެމިތިބުމަކީ ޙައްލުނޫން ކަމަށެވެ.

އަދި ޕާޓީ ވަރުގަދަވާނީ ކަށިކެޔޮގަނޑު އެކައްޗަކަށް ހެދިގެން ކަމަށާއި، އެމްޑީޕީގެ މިސްރާބު މިހާރު ހުރީ އެމަގުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ކިތަންމެ ވާދަވެރިވި ނަމަވެސް 2023ގެ އެޕިސޯޑު ރިޕީޓް ނުވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވެފައިވެއެވެ.

“2023 ގައި ހިނގައިދިޔަ ކަމެއް ދެން މިޕާޓީއަށް ވެދާނެ ހެނެއް ހިޔެއް ނުވޭ ކައިރި މުސްތަގުބަލެއްގައި. މުސްތަހީލުކަމެއް އެއީ.” ފައްޔާޒް ވިދާޅުވިއެވެ.

އޭގެއިތުރުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން ރަމްޒުކޮށްދެނީ އެޕާޓީގެ ވަރުގަދަކަން ކަމަށާއި، ސިޔާސީ ކަންކަމުގައި ޤާބިލު، ވަރުގަދަ ލީޑަރުން ތިއްބަވާ ޕާޓީތަކުގައި އެ ވާދަވެރިކަން އޮންނާނެ ކަމަށެވެ.

ހަމައެއާއެކު ޕާޓީގައި ތިއްބެވި މެންބަރުންނާއި، އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައިވެސް ހިތްހަމަނުޖެހުންތަކެއް އޮތްކަން އެނގިލައްވާ ކަމަށާއި ނަމަވެސް އެންމެންގެވެސް އަމާޒު މިހާރު ހުރީ އެއް މިސްރާބަކަށް ކަމަށް ފައްޔާޒް މިއަދު ވިދާޅުވެފައިވެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ފުލުވައް ވެއްޓިއްޖެ ކަމަށާއި، އެޕާޓީ ރޫޅާލައްވާނެކަމަށް ވިދާޅުވި ކުރީގެ ރައީސް ނަޝީދާއި އެމަނިކުފާނުގެ ސިޔާސީ ބައިވެރިންވެސް މިހާރުވަނީ އަލުން އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ. އެބޭފުޅުން އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންނެވީ ގައުމު ސަލާމަތްކުރުމަށް އެމްޑީޕީ އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ވިދާޅުވުމަށް ފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު