ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން މީސް މީޑީއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. ބޭސްފަރުވާއަށް މި ވަގުތު މެލޭޝިއާގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ވިދާޅުވީ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދިނުމަށް އެ ޕާޓީން ފެށި ދަތުރު އަދި ނުނިމޭ ކަމަށެވެ.

"ހުދުމުހުތާރު ގޮށްމުށްތަކުގެ ދަށަށް ގައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި." ރައީސް ޞާލިހުގެ މެސެޖްގައި ވިދާޅުވިއެވެ.

ރައީސް ސާލިޙްގެ މެސެޖްގައި އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މެންބަރުންނަށާއި، ތާއީދުކުރާ އެންމެނަށް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި، އިސްލާހާއި އަދި ތަހުޒީބީ ހިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރުމުގެ ފަހުރުވެރި ޕާޓީ ކަމަށެވެ. އަދި ރައްޔިތުން ބާރުވެރިކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އެ ޕާޓީން ކަމަށްވެސް ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެޕާޓީން ވަނީ ގިނަ ޙަރަކާތްތަކެއް ރާވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން