ހުކުރު ޚުތުބާއެއް އިއްވުން-
ހުކުރު ޚުތުބާއެއް އިއްވުން-
ރަމަޟާން މަހަށްފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ "ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށެވެ.

ޢާޝޫރާ ދުވަހުގެ މާތްކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ބުނީ މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވައިފައިވާ މަހެއްކަމަށެވެ. އަދި ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ޢާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، ފުއްސަވައިދެއްވާނެ ޢަމަލެއް ކަމަށް ވެސް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން، މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ ޣަރަޤުކުރެއްވި ދުވަސް ކަމަށްވެސް ޚުތުބާގައި ވެއެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވާކަން ފާހަގަ ކުރަން ޚުތުބާގައި ބުނީ އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއްދުވަސް ފަހުން ރޯދަހިފުން ކަމަށެވެ. އަދި އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ކަމަށް ޚުތުބާގައި ވެއެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތް ކަމަށާއި، އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން ކަމަށް ޚުތުބާގައި ބުނެފައިވެއެެވެ.

ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމާއި، އެމީހުންނަށް ކާމިޔާބު ނުލިބޭނެކަން ކަމަށް ޚުތުބާގައި ވެއެވެ.

އަދި އަބަދުވެސް ފަސާދައާއި ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށާއި، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން