ހުކުރު ޖަމާޢަތް-
ހުކުރު ޖަމާޢަތް-
މިއަދުގެ ހުކުރު ނަމާދުގެ ޚުޠުބާގައި، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޢާއިލީ ގުޅުންތައް ވަރުގަދަކުރުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކޮންމެ އިންސާނީ މުޖުތަމަޢެއްގެ ވެސް އަސްލަކީ ޢާއިލާތަކެވެ. އެހެންކަމުން މުޖުތަމަޢެއް ހަރުދަނާކުރެވޭނީ އެ މުޖުތަމަޢެއްގެ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށްގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ މައިގަނޑު ސަބަބަކީ ދަރީން ތަރުބިޔަތުކުރުމުގައި ފަރުވާކުޑަކުރެވުން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ނަމަވެސް، އެ ކުއްޖާގެ އަޚުލާޤާއި ސުލޫކު ބައްޓަންވަނީ އެ ކުއްޖަކަށް ލިބޭ ތަޢުލީމާއި ތަރުބިޔަތުގެ ސަބަބުން ކަމަށް ކީރިތި ރަސޫލާ zގެ ޙަދީޘްފުޅުތަކުން ދަލީލުދައްކަވަމުން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ދަރިންނަށް ދީނީ ތަޢުލީމު ދިނުމުގެ އިތުރުން މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި، ގާތްތިމާގެ މީހުން ދަސްކޮށްދީ އެމީހުންނާ ގުޅުން ބަދަހިކުރަން ޅަފަތުގައި ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމްދީނުގައި ރަޙިމުގެ ގުޅުމަށް ދެއްވާފައިވާ މަތިވެރި މަޤާމަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ރަޙިމުގެ ގުޅުމަކީ މާތް ﷲގެ އިސްމުފުޅު "الرَّحْمَـٰن" އާ ގުޅުވައިގެން ނަންދެއްވާފައިވާ މަތިވެރި ގުޅުމެއް ކަމަށެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި، އެ ގުޅުން ކަނޑައިލުމަކީ ސުވަރުގެއިން މަޙްރޫމްވާނޭ ބޮޑު ފާފައެއް ކަމަށް އިންޒާރު ދެއްވިއެވެ. ހަމައެއާއެކު، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ ހަމައެކަނި ބަދަލުދޭ އުޞޫލުން ކަންކަން ކުރާ މީހާ ނޫން ކަމަށާއި، އެއީ ގުޅުން ކެނޑިގެންދާ ހިނދުގައި ވެސް އިސްނަގައިގެން އެ ގުޅުން ދަމަހައްޓާ މީހާ ކަމުގައި ބަޔާންކުރެއްވިއެވެ.

ދަރީން ހެޔޮލަފާ ބައެއްގެ ގޮތުގައި ބޮޑުކުރުމަށްޓަކައި، މައިންބަފައިންނަކީ ދަރީންނަށް ރިވެތި ނަމޫނާއަކަށް ވާންޖެހޭކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ. އަދި ހަތް އަހަރު ފުރުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދަށް ފަރުވާކުޑަކޮށްފިނަމަ އަދަބުދީގެން ވެސް ނަމާދު އަދާކުރުމަށް ބާރުއެޅުމަށް އަންގަވާފައިވާ ނަބަވީ އިރުޝާދު ހަނދާންކޮށްދެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވަނީ، އަޅަމެންގެ މެދުގައިވާ ޢާއިލީ ގުޅުންތަކާއި ރަޙިމުގެ ގުޅުންތައް ދަމަހައްޓައި، އެކަކު އަނެކަކަށް ހެޔޮފޯރުވާ ބަޔަކު ކަމުގައި ލެއްވުން އެދި މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު