އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބާގައި، ރޭ ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ.

ފައްޔާޒް ވިދާޅުވީ، އެންމެ އަވަހަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސްއެއްގައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޕާޓީގެ ރޯޑްމެޕްގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ބަދަލަކީ މިހާރު އޭނާ ހުންނެވި ޗެއާޕާސަންގެ މަގާމާއި އަބްދުﷲ ޝާހިދު ހުންނެވި ރައީސްކަމުގެ މަގާމު އެއްކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިހާރު އެ ޕާޓީގައި ޗެއާޕާސަނަކާއި، ރައީސެއް ހުރުމުގެ ބޭނުމެއް ނުފެންނަ ކަމަށާއި، ކޮންމެވެސް އެއް މަގާމެއް އޮތުމުން ނިމުނީ ކަމަށް ދެކޭ ކަމަށެވެ.

އަދި މި ބަދަލަކީ އެމްޑީޕީގެ ކުރިމަގަށްޓަކައި ވަރަށް މުހިންމު ބަދަލެއް ކަމަށާއި، މިކަމުގެ ސަބަބުން ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާޓީގެ ލީޑަރަކަށް އިންތިޚާބުވާ ބޭފުޅާއަށް ލީޑަރުކަމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހައްދަވަން ވެސް ހުށަހަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕާޓީ ހިންގަން އަންނަ ބޭފުޅަކީ ހަމައެކަނި އެ ކަމަށް ހުސްވެފައި ހުންނަ ބޭފުޅަކަށް ވާން ޖެހޭ ކަމަށެވެ.

އަދި ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅާއަށް އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާއެއް ވެސް އަދާނުކުރެވޭ ގޮތަށް ނިންމަން ހިޔާލު ހުށަހަޅުއްވާނެ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ނުވަތަ ކުންފުންޏެއްގެ ވެސް އެއްވެސް އިތުރު މަގާމެއް އެ ބޭފުޅަކަށް އަދާނުކުރެއްވޭ ގޮތަށް އަސާސީ ގަވާއިދު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުތައް ގެންނަނީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޕާޓީ ހީނާރުވާތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅަކީ ރަނގަޅު މުސާރައެއްގައި، ޕާޓީގެ ކަންކަން ހިންގައި، ޕާޓީ ވަރުގަދަކުރުމާއި އަދި ޕާޓީއާއި ސަރުކާރު ގުޅާލަން ހުންނަވާ ބޭފުޅެއްގެ ގޮތުގައި ބަދަލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ވަރުގަދަވާނީ ފްރެކްޝަންތަކަށް ޖާގަ ދީގެން ކަމަށެވެ. އެހެންވެ، ޕާޓީ ހިންގުމަށް ވަކި ހާއްސަ ބޭފުޅަކު ހުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން