މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
2028 ނިމުމުގެ ކުރިން އިތުރު 3 ސަރަޙައްދެއް ބަޔޯސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޠާރިޤް މިހެން ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 2028 ވަނަ އަހަރު ނިމުމުގެ ކުރިން އިތުރު 3 ސަރަހައްދެއް ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޅ އަތޮޅުގައި ބަޔޯސްފިއާ ރިޒާވް ކަނޑައަޅަން ބޭނުންވާ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށާއި، ލ އަތޮޅުގައިވެސް ބަޔޯސްފިއާ ރިޒާވް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ 80 އިންސައްތަ ޓޫރިސްޓުންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލަން އަންނަ މީހުން ކަމަށާއި، ތިމާވެށި ހިމާޔަތް ކޮށްގެން ނޫނީ ރާއްޖޭގެ ޓޫރިޒަމާއި އިކޮނޮމީ ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެއިތުރުން ތިމާވެށި ޙިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސްކޫލްތަކުން މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

2028 ނިމުމުގެ ކުރިން އިތުރު 3 ސަރަޙައްދެއް ބަޔޯސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ މިނިސްޓަރ ޠާރިޤް ވިދާޅުވެފައިވާއިރު، ރާއްޖޭގައި މިހާރު 3 ބަޔޯސްފިއާ ރިޒާވް އާއި ހިމާޔަތް ކުރެވިފައިވާ 92 ސަރަހައްދެއް ކަނޑައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން