އިބްރާހިމް ފަހީމް   29 ޖޫން 2025 - 0:3
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މި މަހުގެ 19 ގެ ނިޔަލަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މި މަހުގެ 19 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު އެއީ 8.3 އިންސައްތަ އިތުރު އަދަދެކެވެ.

މައިގަނޑު ގޮތެއްގައި ދައުލަތަށް އާމްދަނީ ލިބުނު ކަންކަމަށް ބަލާއިރު، އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް 13.6 ބިލިއަން ރުފިޔާ ލިބިފައިއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.4 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ރިޕޯޓަށް ބަލާއިރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 93.8 އިންސައްތަވަނީ އިތުރުވެފައެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 50 އިންސައްތަ އިތުރުވެފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 47.7 އިންސައްތަ ވަނީ އިތުރުވެފައެވެ.

އާމްދަނީ އިތުރުވުމާއި އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 45.6 އިންސައްތަ އިތުރުވެފައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ހަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ކުޑަވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް މަޖިލީހުން އަންދާޒާކުރި އަދަދުން މިހާތަނަށް ހަރަދު ވެފައިވަނީ 32.9 އިންސައްތައެވެ. އަދި ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާއި ހިލޭ އެހީގެ 44.1 އިންސައްތަ، މި މަހުގެ 19 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާކަމަށް ވެސް މާލީ ހިސާބުތަކުން ދައްކައެވެ.

މި ފަހުން ނެރޭ މިފަދަ މާލީ ތަފާސްހިސާބުތަކުން، ދައުލަތުގެ ހަރަދު ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާކަން ހާމަވެފައިވާއިރު، މި ސަރުކާރުން ހަރަދު ކުޑަކުރަނީ ރާއްޖޭގައި ހިންގާ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓާލައިގެންކަމަށް ބުނެ އެކަމުން އާންމު ރައްޔިތުންނާއި އިގުތިސާދަށް ވެސް ވަނީ ގެއްލުންކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން