މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް
ޙަލާލު ޓޫރިޒަމަށް 31 ރަށެއް ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ، ހަލާލް ޓޫރިޒަމަށް ހާއްސަ ރިސޯޓުތައް ތަރައްގީކުރަން ފަސް އަތޮޅަކުން ރަށްތަކެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޙަލާލު ޓޫރިޒަމަށް 31 ރަށެއް ދޫކުރާއިރު، އެންމެ ފުރަތަމަ ހުޅުވާލަނީ، ރާއްޖޭގައި ފަތުރުވެރިކަން އެންމެ ދަށް އަތޮޅުތައް ކަމަށްވާ ތ، ލ، ށ، ހއ އަދި ހދއަތޮޅުން ކަމަށް ޠާރިޤް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ހަލާލް ޓޫރިޒަމަށް ރަށެއް ހުޅުވާލާނެ ކަމަށާއި ނަމަވެސް އެ އަތޮޅުން ދޫކުރާނެ ރަށެއް ނިންމާފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، އިކުއިޒިޝަން ކޯސްޓު ދައްކަން ޖެހޭނީ ފަސް ވަނަ އަހަރާއި ހަ ވަނަ އަހަރު ކަމަށެވެ. އަދި ތިން އަހަރަށް ވުރެ ކުރިން ރިސޯޓުގެ މަސައްކަތް ނިމިއްޖެ ނަމަ ތިން އަހަރުވުމާ ދެމެދުގައިވާ މުއްދަތުގެ ކުލި މާފުކޮށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެއިތުރުން މިނިސްޓަރ ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރިސޯޓުތަކުގައި އިސްލާމީ އުސޫލުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން އެ ރިސޯޓުގައި މިސްކިތް ހުންނާނެ ކަމަށާއި ރަލާއި އޫރުމަހުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާވުމުގެ އިތުރުން އެ ރިސޯޓުތަކުގައި ވިއްކޭނީވެސް ހަލާލް ސެޓިފައިޑް ކާބޯތަކެތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޙަލާލު ޓޫރިޒަމަށް 31 ރަށެއް ހުޅުވާލުމަށް ނިންމަވާފައިވާއިރު، ދާދިފަހުން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމުގެ މަޤްސަދުގައި، ހަލާލު ފަތުރުވެރިކަމަށް ޚާއްޞަކޮށް ވަކި ރަށްތަކެއް ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން