އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އައްޑޫ ސިޓީގައި ކުރީ ސަރުކާރުން މަސައްކަތް ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންދިޔައީ އެ އަތޮޅުގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެތައް ދުވަހެއް ވަންދެން ހުއްޓިފައި އޮތް ހަންކެޑެ ޕްރޮޖެކްޓް ހުއްޓިފައި އޮއްވާ، އެ ތަން ހަލާލު ޓޫރިޒަމް މޮޑެލްއަށް ތަރައްގީކުރަން ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

އެކަމަށް ފާޑުވިދާޅުވަމުން ފައްޔާޒު މިރޭ އެކްސްގައި ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި 400 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓު އައްޑޫއަށް ޔަގީންކޮށްދީފައި ވަނިކޮށް ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓައިލުމަށްކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެކަމަށެވެ. ނަމަވެސް ހަންކެޑެ ހަލާލު ޓޫރިޒަމް މޮޑެލްއަށް ނުހިންގޭނެ ކަމަށް ފައްޔާޒުވަނީ ވިދާޅުވެފައެވެ.



އަދި ހިއްކި ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު އަކީ ހަލާލު ޓޫރިޒަމް މޮޑެލްއަށް ބަދަލުކޮށްގެން މަޝްރޫއު ހުއްޓުވައިލަން ސަރުކާރުން ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއަޅަން ކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް. އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި" އެކްސްގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ހަންކެޑެ މަޝްރޫއަކީ ހުރިހާ ޕްލޭނެއް ނިމި، ފައިސާ ވެސް ހަމަޖެހިފައި އޮތް މަޝްރޫއެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ އައްޑޫގެ ޓޫރިޒަމް އަދި މުޅި އައްޑޫގެ އިގުތިސޯދު ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެކަން ނުވެ ވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަންކެޑެގައި ހަލާލު ޓޫރިޒަމް ހިންގާ ގޮތަށް ސަރުކާރުން ނިންމިއިރު، އެ ތަނުގައި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު ފަށަން މި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ގޮސް އައްޑޫގައި ބޮޑު ރަސްމިއްޔާތެއް ވެސް މީގެކުރިން ބޭއްވިއެވެ. ނަމަވެސް އެ ފަހުން އެ ތަނުގައި އެއްވެސް މަސައްކަތެއް ނުހިނގައެވެ.

ހަންކެޑެއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އައްޑޫއަށް ޓޫރިޒަމް ގެންނަން ނިންމި ތިން ރަށުގެ ތެރެއިން އެއް ރަށެވެ. އަނެއް ދެ ރަށަކީ ހެރެތެރެއާއި ވިލިގިއްޔެވެ. އެ ދެރަށުގައި ފަހުން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރެވުނަސް އަދިއަދަށް ދާންދެންވެސް ހަންކެޑެގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރެވިފައެއް ނުވެއެވެ. އެކަން ވެފައިވަނީ ކޮންމެ ސަރުކާރަކުން ވެސް އައްޑޫ ރައްޔިތުންނަށް ދައްކާ ހުވަފެނަކަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހަންކެޑެ ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން ހަންކެޑެ މީހުން އުޅޭ ސަރަހައްދާ ބަލިކޮށްލުމަށް ޓަކައި މަރަދޫ އާއި ހިތަދޫއާ ދޭތެރޭގައި ވަނީ އަގުބޮޑު ބްރިޖެއް ވެސް އަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން