ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ޖަޕާނުގެ އައު ބޮޑުވަޒީރު ޔޮޝިހިޑެ ސުގާއަށް މަރުހަބާ ވިދާޅުވެއްޖެއެއެވެ.

ޔޮޝިހިޑެ ސުގާއަށް ޖަޕާނުގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިޢުފާ ދެއްވުމާއި ގުޅިގެން ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ، އެލްޑީޕީގެ ލީޑަރުގެ ގޮތުގައި ބޭފުޅަކު ހޮވުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިގެންނެވެ.

އަބޭގެ ކެބިނެޓު ސެކްރެޓެރީގެ ގޮތުގައި ހުންނެވި ޔޮޝިހިޑެ ސުގާއަށް ޤާނޫނު ހަދާމަޖިލީހުގެ ރުހުން ލިބިވަޑައިގެންނެވުމުން ޝިންޒޯ އަބޭގެ ދައުރުގެ ބާކީ އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަށް ބޮޑުވަޒީރުކަން ޔޮޝިހިޑެ ސުގާ ކުރައްވާނެއެވެ.

ޔޮޝިހިޑެ ސުގާއަށް މަރުޙަބާވިދާޅުވެ ކުރެއްވި ޓުވީޓުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ޔޮޝިހިޑެ ސުގާގެ ޒަޢާމަތުގައި ރާއްޖެއާ ޖަޕާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.



ވެރިކަންކުރާ ޕާޓީއަށް އައު ލީޑަރަކު ހޮވުމަށް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ބޭއްވި އިންތިޚާބު ކުރީގެ ބޮޑުވަޒީރު އަބޭގެ އަރިސް ބޭފުޅެއްކަމަށްވާ ސުގާ ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އުމުރުން 71 އަހަރުފުޅުގެ ސުގާއަށްވަނީ 535 ވޯޓުގެ ތެރެއިން 377 ވޯޓު ލިބިވަޑައިގެންފައެވެ. ސުގާވަނީ ކުރީގެ ބޮޑުވަޒީރު އަބޭގެ ސިޔާސަތުތައް ކުރިއަށް ގެންދަވާނެ ކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން