އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ
ރާއްޖޭގެ ދަރަނި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު އިތުރުވި މިންވަރަށްވުރެ ބޮޑަށް މިހާރު އިތުރުވެފައިވާކަމަށް ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ ދަރަނި ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ކޮވިޑް ދުވަސްވަރު ރާއްޖޭގެ ދަރަނި މައްޗަށް ނުދާ ވަރަށް މިހާރު މައްޗަށް ގޮސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. ކޮވިޑްގެ ދުވަސްވަރު ދަރަނި އިތުރުވި ސަބަބު ހާމަކުރައްވައި އަމީރު ވިދާޅުވީ، އެއީ ރާއްޖޭގެ އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ރާއްޖޭގެ އިޤްތިޞާދު ހިފަހައްޓަން އެހެން ގޮތެއް ނެތިގެން ކުރަންޖެހުނު ކަންތައްތަކެއް ކުރުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް، މިހާރު ދަރަނި އިތުރުވަމުންދާ މިންވަރާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި އަމީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދު މިހާރު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ. ތެލުގެ އަގު ގާތްގަނޑަކަށް ފަސްދޮޅަސް ޑޮލަރުގައި ހުރި އިރު، ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިޤްތިޞާދު ރަނގަޅުވަމުންދާ މިފަދަ ހާލަތެއްގައި ރާއްޖޭގެ ދަރަނި މިގޮތަށް އިތުރުވަމުން ދިޔުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ރާއްޖޭގެ އިޤްތިޞާދު މި ހާލަތުގައި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ފާހަގަކުރެއްވިގޮތުގައި 2024 ވަނަ އަހަރު ރާއްޖޭގެ ދަރަނި 20 ބިލިއަން ރުފިޔާ އިތުރުވެގެން ދިޔައެެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުގައި މި އަހަރު ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މިކަންކަމުން ދައްކުވައިދެނީ، އިޤްތިޞާދީ ގޮތުން ގޮތްހުސްވެފައިވާ ހާލަތެއްގައި ނޫންނަމަވެސް، ދަރަނި ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ ކަން ކަމަށް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު