ދިވެހިރާއްޖޭގެ ޖުޑިޝަރީ އަކީ މިނިވަން އަދި މުސްތަގިއްލު ތަނަކަށް ހެދުމަށް ގިނަ އިސްލާޙީ ޚިޔާލުފުޅުތަކެއް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހަޅުއްވައިފިއެވެ.

މި ޚިޔާލުފުޅުތައް އޭނާ ހާމަކުރެއްވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބަދަލުތަކަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ކަމުގައި ޑރ. ޝަމްހީދު ފާހަގަކުރައްވައެވެ.

ޑރ. ޝަމްހީދުގެ ޚިޔާލުފުޅުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ޚިޔާލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ޤާނޫނީ ދާއިރާގެ އިތުރުން އެހެން ޕްރޮފެޝަނަލް ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ކޮމިޝަނަކަށް ހެދުމެވެ.

މީގެ އިތުރުން ޑރ. ޝަމްހީދުގެ އެހެން ޚިޔާލު ފުޅުތަކުގެ ތެރޭގައި ޖުޑީޝަލް ޑިސިޕްލިން ކަނޑައެޅުމަށް ވަކި މުއައްސަސާއެއް އުފެއްދުން ހިމެނެއެވެ. އަދި ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް، ޖުޑީޝަލް ޑިސިޕްލިން ކަނޑައެޅުމަށް ވަކި މުސްތަގިއްލު މުއައްސަސާއެއް އުފެއްދުމަށް ވެސް ޑރ. ޝަމްހީދު ވަނީ ހުށަހަޅުއްވާފައެވެ.

ހަމައެއާއެކު ހާއްސަ ޖުޑީޝަލް ޑިސިޕްލިނަރީ ކޯޓެއް އުފައްދައި ވަކި ފަންތިއެއްގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ހާއްސަ ޖުޑީޝަލް ޑިސިޕްލިނަރީ ކޯޓެއް ޤާއިމުކުރުމަށް ވެސް ޑރ. ޝަމްހީދު ވަނީ ހުށައަޅުއްވާފައެވެ.

މީގެ އިތުރުން ފަނޑިޔާރުން މަޤާމުން ވަކިކުރުން އުނދަގޫކޮށް މި އައު ބަދަލުތަކާއެކު ފަނޑިޔާރުންގެ ހުވާ އަލުން އެކުލަވާލައި، ފަނޑިޔާރުން މަޤާމުން ވަކިކުރުން ވީހާވެސް އުނދަގޫ ކަމަކަށް ހަދަންޖެހޭ ކަމުގައި ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ހަމައެއާއެކު ފަނޑިޔާރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ޑރ. ޝަމްހީދު ޚިޔާލުފުޅު ހުށައެޅުއްވިއެވެ. އެގޮތުން ފަނޑިޔާރުންގެ ތަޢުލީމީ ފެންވަރު، ދަށްވެގެން ޑިގްރީއެއް އޮތުމާއެކު، އެމީހަކު ޝައުޤުވެރިވާ ކޯޓެއްގެ ދާއިރާއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުމަށް ވެސް ޑރ. ޝަމްހީދު ވަނީ ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަމްހީދު ވަނީ މައްސަލަ ނިންމާނެ ވަކި މުއްދަތެއް ކަނޑައަޅަން ވެސް ޚިޔާލު ހުށައަޅުއްވާފައެވެ. އެގޮތުން ކޯޓަކަށް މައްސަލައެއް ހުށަހެޅޭ ހިސާބުން އެ މައްސަލައެއް ފަށައި ނިންމަންޖެހޭ ޓައިމްލައިނެއް މައްސަލަ ފެށުމުގެ ކުރިން އިޢުލާންކުރުމާއެކު އެޕީލް މަރުޙަލާއަށް ވެސް ވަކި މުއްދަތެއް ކަނޑައެޅުމަށް ޑރ. ޝަމްހީދު ހުށައެޅުއްވިއެވެ.

ޑރ. ޝަމްހީދުގެ މި ޚިޔާލުފުޅުތަކަކީ ދިވެހިރާއްޖޭގެ ޖުޑިޝަރީގެ މިނިވަންކަމާއި ހަރުދަނާކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަޝްވަރާތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޖުޑިޝަރީ ދާއިރާ ނުފޫޒުން އެއްކިބާކޮށް މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.



ކިޔުންތެރިންގެ ހިޔާލު