ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ގޮތަށް ޤާނޫނުތަކާއި މުޅި ނިޒާމު ބަދަލުކޮށްލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާލަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލީސް މެމްބަރު މައުރޫފް ޒާކިރު، ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައެޅި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އަސާސީ މައްސަލަތައް ހައްލުނުކޮށް، "ފެންނަ ނުފެންނަ ވޯޓެއް" ނެގުމަށް ބިލެއް ހުށަހެޅުމަކީ އެންމެ މުހިންމު ކަމެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މެމްބަރު މައުރޫފް ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓެއްތޯ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުން މިހާރު ދިރިއުޅެން ދަތިވެފައިވަނީ ކާބޯތަކެތީގެ އަގު އިންތިހާއަށް މަތިވެފައިވާތީއާއި، ފިހާރަތަކަށް ދަރަނިވެރިވެފައިވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭސްކޮޅެއް ނުލިބިގެން، އަސާސީ ބޭހާއި އާސަންދަ ނުލިބިގެން ސަލާންޖަހަން ޖެހިފައިވާ ކަމަށާއި، ކޮންމެ ދުވަހަކު ބޭސްސިޓީއަކަށް ބޭސް ނުލިބިގެން ގުޅާތީ އެކަމަށް ވެސް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، މިފަދަ ބިލުތަކަށް އިސްކަންދެވޭތީ އެކަމަށް މަޢުރޫފް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްވުރެ މިއީ އެންމެ މުހިންމު ކަމެއް ނޫން ކަމަށާއި، ރައްޔިތުންނާ މެދު އިތުރަށް ޒިންމާދާރުވެ، ވިސްނާލަން ޖެހިފައިވާ ކަމަށެވެ. ގައުމުގެ އެއްވެސް ރަށެއްގައި ތަރައްޤީގެ މަޝްރޫޢެއް މިހާރު ހިނގަނީ ނޫން ކަމަށާއި، ފެށިފައި ހުރި ހުރިހާ މަޝްރޫޢުތަކެއް އެހެރީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރިއަށް ގެންދަން މަސައްކަތްކުރާ ކަންކަމަށް ފާޑު ވިދާޅުވެ، ވާހަކަ ދައްްކަވަމުން މައުރޫފް ވަނީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދެ ދައުރަށް ދަންމާލުމާއި، ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި އިންތިޚާބުތައް އެއްކޮށްލުން ފަދަ ކަންކަން ކުރުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކުރަށްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީސް މިކަންކަމުގައި "ބިޒީ" ވެގެން އުޅެން ޖެހުމަކީ އެންމެ މުހިންމު ކަމެއް ނޫން ކަމަށާއި، މުހިންމީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ތަރައްޤީގެ މަޝްރޫޢުތައް ފައްޓައިދިނުން ކަމަށް މައުރޫފް ހާމަކުރެއްވިއެވެ.

ރޭގަނޑު ބަނދަރު ކަނޑާލަން ވެސް ރަށްރަށަށް ނުވަދެވޭ ހާލަތަކަށް ރަށްރަށުގެ ހާލަތު ގޮސްފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާގެ ދާއިރާގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިފައި މަސް ދެމަސް ވެގެންދާއިރު ވެސް ޚިދުމަތް ނުދުވާކަން މައުރޫފް ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮންމެ މަހަކު ފަންސާސް ހާސް ރުފިޔާ ދީގެން ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކޮށްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަކަށް މުޅި ޤާނޫނުތަކާއި މުޅި ނިޒާމު ބަދަލުކޮށްލުމަށް ޓަކައި މި ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ހުއްޓާލަންޖެހޭ އެބަ އިއްޒަތްތެރި ރައީސް،" މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިޤުތިޞާދީ ހާލަތު ބޮއްސުންލައި، ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރާފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ މިފަދަ ބިލުތައް މަޖިލީހައްވައްދައިގެން މި ޖަހަނީ ކޮން ސަކަރާތެއްތޯ ވިދާޅުވެ މައުރޫފް ސުވާލު ކުރެއްވިއެވެ.

"ކޮން ކަމެއްތޯ ކުރަން މިއުޅެނީ، އަޅުގަނޑުމެންގެ ޤައުމުގެ ހާލަތު މިހާލަތަށް ވައްޓާލާފައި ރައީސުލްޖުމުހޫރިއްޔާގެ ދައުރު ދިގުކޮށްލަން އަޅުގަނޑުމެން މިއުޅެނީ މިއީ ކޮންކަމެއްތޯ؟ މިއީ ކޮންކަހަލަ ރަސްގެފާނެއް އައިސްގެންތޯ؟ އަމިއްލަފުޅަށް ވެވަޑަައިގެންނެވި ވައުދުތައް ވެސް ނުފުދި މުޅި ޤައުމު އޮޔާ ގޮސްފައި މި އޮތީ،" މައުރޫފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު