އައިޖީއެމްއެޗްގައި ބަލިމީހަކަށް ފަރުވާދެނީ، ފޮޓޯ: އައިޖީއެމްއެޗް
އައިޖީއެމްއެޗްގައި ބަލިމީހަކަށް ފަރުވާދެނީ، ފޮޓޯ: އައިޖީއެމްއެޗް
އަހަރުގެ މިހާތަނަށް އައިއިރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.

ޒަކާތު ފަންޑުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ބޭސްފަރުވާކުރުމަށް 590 މީހަކަށް އެ ފަންޑުން ވަނީ ބޭސްފަރުވާ ފޯރުކޮށްދީފައެވެ. މި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޖުމުލަ 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން އެނގެއެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. ކެންސަރު ބައްޔަށް ފަރުވާކުރުމަށް 2.3 މިލިޔަން ރުފިޔާގެ އެހީ ދީފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކޮށްފައިވާ ޚަރަދުގެ ތަފްސީލު:



‎- ޖެނުއަރީ - 7.6 ލައްކަ ރުފިޔާ

- ފެބްރުއަރީ - 7.5 ލައްކަ ރުފިޔާ

- މާރިޗު - 8.4 ލައްކަ ރުފިޔާ

- އޭޕްރީލް - 1.1 މިލިޔަން ރުފިޔާ

- މެއި - 3.9 މިލިޔަން ރުފިޔާ

- ޖޫން - 1.1 މިލިޔަން ރުފިޔާ

ޒަކާތު ފަންޑުން ދަނީ ބޭސްފަރުވާގެ ހަރަދުގެ އިތުރުން އެހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ 6 މަސް ދުވަހު ފަޤީރުންނާއި މިސްކީނުންގެ ބައިން ޒަރޫރީ އެހީގެ 110،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައި ވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި ޢާމިލުންގެ ބައިން 4.2 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވާކަންވެސް ޒަކާތު ފަންޑުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ ޢިލްމު ފެތުރުމަށްޓަކައި 2.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް 1.66 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު